އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓްލާ މީހުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށްޓަކައި 65000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސިން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް "ސަން"އަށް މިއަދު ވިދާޅުވީ ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހެޅި މީހުންގެ ތެރެއިން 61130 މީހުންގެ ރަޖިސްޓްރޭޝަން ރޭގެ ނިޔަލަށް ޔަގީން ކޮށްދީފައި ވާނެ ކަމަށެވެ. އަދި ބާކީ ހުރި ފޯމް ތަކުގެ ރަޖިސްޓްރޭޝަން މިއަދާއި މާދަމާ ޔަގީން ކޮށްދޭނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.

"ރަށްވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް ފޯމް ހުށަހެޅި ބޭފުޅުންގެ ތެރެއިން އަޅުގަނޑުމެންނަށް މިހާތަނަށް ކޮންފޯމް ކޮށްދެވިފައި ވަނީ 61130 މީހުން. އަދި އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ 12 ޖެހުމާއި ހަމައަށް އަޅުގަނޑުމެންނަށް ހުށަހަޅާފައިވާ އެ ކަމަކު ކޮންފޮމޭޝަން ނުދެވޭ 3015 ފޯމް އެބަ އުޅޭ. އަދި ރާއްޖޭގެ އެކި ރަށްރަށުން 1500 ފޯމް އަންނާނެ ކަމަށް އަޅުގަނޑުމެން އެބަ އެކްޕެކްޓް ކުރަން. އެހެން ވީމަ އަޅުގަނޑު ކުރިން ދެންނެވި ކޮންފޮމޭޝަން އަދަދުގެ ތެރެއަށް މި ދެންނެވި އަދަދުތައް ވެސް ވަދެގެން ދާނެ. އަޅުގަނޑުމެންގެ މަސައްކަތް މިއަދާއިމާދަމާ ރޭ ނިންމުމުގެ ކުރިން އެ ފޯމްތައް ވެސް ކޮންފޯމް ކޮށްދޭނަން،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ރަޖިސްޓްރީ ކުރުމަށް ފޯމް ހުށަހަޅާފައިވާ މީހުންގެ ހުރިހައި ފޯމް ތަކެއް ޗެކްކޮށް ނިމޭއިރު 65،745 މީހުން ރަޖިސްޓްރީ ކުރެވިގެން ދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެން އަންދާޒާ ކުރަނީ ހުރިހައި ފޯމް ތަކެއް ޗެކްކޮށް ނިމޭއިރު 65000 އާއި 66000 ދެމެދުގެ އަދަދަކަށް ރަޖިސްޓްރީ ކުރެވިގެން ދާނެ ކަމަށް. އަޅުގަނޑުމެން މި މަހުގެ 13 ވަނަ އެކަން ކަށަވަރު ކޮށްދޭނަން" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ މިހާރު ޔަގީން ނުކޮށްދެވިވާ ފޯމް ތަކުގެ ތެރެއިން ބައެއް ފޯމްތަކުގައި މައްސަލަ ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެން ކަމުން އެ ފޯމްތައް އަނބުރާ ފޮނުވާލާނެ ކަމަށެވެ. އަދި ފޮނުވާލެވޭ ފޯމްތައް އަލުން ހުށަހެޅުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެއިން ބޭރުގައި ވޯޓްލާ މީހުންނާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ފަސް ގައުމެއްގައި ވޯޓް ފޮށި ބެހެއްޓާނެ ކަމަށެވެ. އެގޮތުން ވޯޓް ފޮށި ބަހަށްޓަން ނިންމާފައި ވަނީ ސިންގަޕޫރާއި އިންޑިއާގެ ޓްރްވިންޑްރަމް، ލަންޑަންއާއި މެލޭޝިއާއި އަދި ސްރީލަންކާގައި ކަމަށެވެ.

ފުއާދު އިތުރަށް ވިދާޅުވީ މީގެ ކުރިން އިންޑިއާގެ ދިއްލީގައި ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށާއި އެހެން ނަމަވެސް ވޯތް ފޮށި ބެހެއްޓޭ ވަރަށް މީހުން ދިއްލީގައި ރަޖިސްޓްރީ ކޮށްފައި ނުވާ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ވޯޓް ލުމަށްޓަކައި ދިއްލީގައި ރަޖިސްޓްރީ ކުރި މީހުންނަށް އެމީހުން ބޭނުންވާ ތަނެއްގައި ތިބެގެން ވޯޓް ލުމުގެ ފުރުސަތު ލިބިދެވޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ބަހައްޓާނެ ވޯޓް ފޮށީގެ އަދަދާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ ދިއްލީގައި ވޯޓް ފޮށި ނުބަހަށްޓާތީ މިހާރު މުޅި ޖުމްލަ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބަހަށްޓަނީ 480 ވޯޓް ފޮށި ކަމަށެވެ.