ޕީޕީއެމްގެ ވެރިކަމެއްގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، ސިޔާސީ މަގާމުތަކުގެ މުސާރަތައް 30 އާއި 50 ޕަސެންޓަށް ކުޑަ ކުރައްވާނެ ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރޭ ރ. ދުވާފަރުގައި ޕީޕީއެމް އިން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެއްވެސް ހާލެއްގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އުނި ނުކުރެވޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ ސަރުކާރެއްގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އުނިއެއް ނުކުރެވޭނެ. ޕީޕީއެމްގެ ސަރުކާރެއްގައި ތަނަވަސްކަން އިތުރުވީ މިންވަރަކުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރު އިތުރު ވާނެ" ޔާމީން ވިދާޅުވި އެވެ.

ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ސިޔާސީ މަގާމުތައް މަދުކުރައްވާނެ ކަމަށާއި ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކުރައްވާނެ ކަމަށެވެ.

މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ މުސާރަ 50 ޕަސަންޓް ކުޑަކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިހާރު ހުރިހާ ސިޔާސީ މަގާމުތައް ނިސްބަތުން މަދުކުރާނަން. އަދި ސިޔާސީ މުސާރަތައް 30 އާއި 50 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ކުޑަކުރާނަން." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ސިޔާސީ މަގާމުތައް މަދުކޮށް މުސާރަތައް ކުޑަކުރުމަކީ ރައްޔިތުންގެ ސަލާމަތަށްޓަކާ ކުރަން ޖެހޭ ކަމެއް ކަމަށާއި އެހެން ނޫނީ ދައުލަތް ދަރަނިން ސަލާމަތް ނުވާނެ ކަމަށެވެ.