10 Aug 2013, 16:45
އައްޑޫ ހުޅުމީދޫގައި ބަނގުރާ ކަންކަން ބޭނުންކުރާ ސާމާނުތަކަކާ އެކު ތަފާތު ތިން މައްސަލައެއްގައި ތިން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލަތަކުގައިި ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ މީހަކާއި އުމުރުން 36 އަހަރުގެ މީހެއްގެ އިތުރުން އުމުރުން 42 އަހަރުގެ މީހެއް ކަމަށާއި މި ތިން މީހުންނަކީ ވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮތް ތިން މީހުން ކަމަށެެވެ.
އަދި މިހާރު މިތިން މީހުންނަށް ހުޅުމީދޫ ކޯޓުން މުއްދަތު ޖަހާފައިވާ ކަމަށާއި އެގޮތުން ހައްޔަރުކުރި 42 އަހަރުގެ މީހާ އަށް 15 ދުވަހުގެ މުއްދަތު ޖަހާފައިވާ އިރު ދެންތިބި ދެ މީހުންނަށް ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހުންގެ ތެރެއިން އުމުރުން 42 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގެއިން ކަމަށާއި ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރި އިރު ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނުތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން އެގެއިން ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ޕްރެޝަރު ކުކަރަކާއިި ތެއްޔާއި ކުކިން އޮއިލް ހުސްކުރި ބޮޑު ފަސް ހަން ފެނިފަވައި ވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ އުމުރުން 36 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މި އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށާއި އޭނާ ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރުމުން އެގޭތެރެއިން ވެސް ބަނގުރާ ކެއްކުމަށް ބޭނުންކުރާ ސާމާނުތަކާއި ބަނގުރާކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި 20 ލީޓަރުގެ ދެ ހަން ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އުމުރުން 29 ވަނަ އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުން ރަށު ތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ހެރެތެރެ އާއި ހުޅުދޫ ގުޅުނު ހިސާބުން ފުލުހުން ފެނުމާ އެކު ދުވެ ފިލަން މަސައްކަތްކުރުމުން މިމަހުގެ ހަތްވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ބަލައި ފާސްކުރުމުން ބަނގުރާކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ދެ ފުޅި އޭނާގެ އަތުން ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލަތައް މިހާރު އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހްގީގު ކުރަމުން ނެވެ.