ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިން މޭޓަކަށް ވުމަށް އެންމެ ފުރަތަމަ އެދިވަޑައިގަތީ ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ގުޅުމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. ހުސެއިން ރަޝީދު ވިދާޅުވީ ތަސްމީން އަލީ، ގާސިމަށް ފާޑުވިދާޅުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ތަސްމީން ރަނިން މޭޓަކަށް ވުމަށް ފުރަތަމަ އެދިވަޑައިގެންފައި ވަނީ ގާސިމް އިބްރާހިމްގެ އަރިހުން ކަމަށެވެ.

"އޮނަރަބުލް ތަސްމީންގެ ރަނިން މޭޓްކަމަށް ކުރިމަތިލައްވަން ބޭނުންވެގެން ފުރަތަމަ އެކަމަށް އެދިވަޑައިގެންނެވީ އަޅުގަނޑުމެންގެ ލީޑަރު (ގާސިމް އިބްރާހިމް)ގެ އަރިހުގައި. އެހެންވީމާ ތަސްމީނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކޮން ކޮލެޓީއެއްގެ ކިހާ ގާބިލު ބޭފުޅެއް ކަން އޮނަރަބުލް ގާސިމަކީ،" ޑރ. ހުސެއިން ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމްގެ ރަނިން މޭޓަަކަށް ތަސްމީން ކަނޑަނޭޅީ އެބޭފުޅާ ހުށަހެޅުއްވި ބައެއް ހުށައެޅުންތައް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ. ނަމަވެސް އެއީ ކޮން ހުށަހެޅުއްވުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ޖުމްހޫރީ ޕާޓީގެ އެ ބުނުމާ ބެހޭ ގޮތުން ތަސްމީންގެ އަދި ޑީއާރުޕީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.