10 Aug 2013, 16:16
އަލްގައިދާއިން ދީފާނެ ކަމަށް ބެލެވޭ ޓެރަރިސްޓް ހަމަލާތަކަކުން ރައްކާތެރިވުމުގެ ގޮތުން ބަންދު ކުރި، އެމެރިކާގެ 19 އެމްބަސީގެ ތެރެއިން 18 އެމްބަސީ އާދީއްތަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނިގޮތުގައި އަލްގައިދާގެ ޓެރަރިސްޓް ހަމަލާއެއްގެ އިންޒާރު ތަކާގުޅިގެން މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ބަންދު ކުރި މެދުއިރުމައްޗާއި އެފްރިކާ ސަރަހައްދުގައި ހުރި އެމެރިކާގެ 19 ޑިޕްލޮމެޓިކް މިޝަންގެ ތެރެއިން ޔަމަނުގެ ވެރިރަށް ސާނާގައި ހުރި އެމްބަސީ ފިޔަވައި އެހެން ހުރިހާ އެމްބަސީތައް އާދީއްތަ ދުވަހު ހުޅުވާނެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އަލްގާއިދާގެ އިންޒާރުތަކެއްގެ ސަބަބުން ބަންދުކޮށްފައިވާ ޕާކިސްތާނުގެ ލާހޫރުގައި ހުންނަ އެމެރިކަން ކޮންސިއުލޭޓާއި ސާނާގައި ހުންނަ އެމްބަސީ ހުޅުވާނެ ތާރީހެއް އަދި ހަމަ ނުޖެހޭ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޔަމަނުގައި އެމެރިކާއިން ދިން ޑްރޯން ހަމަލާތަކެއްގައި އަލްގާއިދާގެ ހަނގުރާމަވެރިން ކަމަށް ޝައްކުކުރެވޭ 14 މީހަކު މަރާލާފައިވާކަމަށް ޔަމަނުގެ އޮފިޝަލުންވަނީ މައުލޫމާތު ދީފަ އެވެ.
އެމެރިކާއާއި ހުޅަނގުގެ ގައުމުތަށް އެންމެ ބޮޑަށް ޖެހިލުންވާ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ އަލްގާއިދާގެ ބާރު އަރަބި ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް އޮންނަނީ ޔަމަނުގަ އެވެ.