އަންނަ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖެ އިން ބޭރުގެ 66 އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝައިން ބުނެފި އެވެ.

ސަން އަށް މިއަދު ދެއްވީ އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މި އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު މޮނިޓާ ކުރުމަށް ޓަކައި ރާއްޖެ އިން ބޭރުގެ 22 ބޭފުޅަކު މޮނިޓަރުންގެ ގޮތުގައި ހަރަކާތްރިވާނެ ކަމަށެވެ.

"މިއަހަރު ރާއްޖޭގައި މި ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ޓަކައި އޮބްޒާވަރުގެ ގޮތުގައި ރާއްޖެ އިން ބޭރުގެ 66 ބޭފުޅަކު ވަޑައިގެންނަވާނެ ކަމަށް ބޭރު ގައުމުތަކުން އަޅުގަނޑުމެންނަށް މައުލޫމާތު ދެއްވަނީ. އަދި މޮނިޓަރުންގެ ގޮތުގައި ރާއްޖެ އިން ބޭރުގެ 22 ބޭފުޅަކު ވަޑައިގެނަވާނެ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ސިޔާސީ ޕާޓީތަކުންނާއި މަދަނީ ޖަމިއްޔާ، ޖަމާއަތްތަކުން 2256 މީހުން ހަރަކާތްްރިވާނެ ކަމަށެވެ. އަދި މޮނިޓަރުންގެ ގޮތުގައި 1735 މީހުން ހަރަކާތްތެރިވާނެ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. އަދި ވިދާޅުވީ މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް އެ ކޮމިޝަނަށް އެ ޕްލިކޭޝަން ފޮނުވާފައިވާ ހުރިހާ ފަރާތްތަކަކީ ވެސް މީޑިއާތަކަށް ނިސްބަތްވާ މީހުން ކަމަށެވެ.

ފުއާދު އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުންނާއި ރިޔާސީ ކެންޑިޑޭޓުންގެ ފަރާތުން 339 މީހަކު މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.