10 Aug 2013, 15:29
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގައި މިއަދު ހެނދުނު ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުން އޭދަފުށީ އަންހެނުންގެ ރޫހު އަދި ދެވަނަ މެޗުން، ނިއުސްޓާ ސްޕޯޓް ކްލަބް މޮޅުވެއްޖެ އެވެ.
މިއަދުގެ ފުރަތަމަ މެޗުގައި ގްރޫޕް ޑީގެ ހޯނޑެއްދޫ ޗެލެންޖް އާއި ވާދަކޮށް އޭދަފުށީ އަންހެނުންގެ ރޫހު މެޗު ކާމިޔާބުކުރީ 10 ލަނޑުގެ ތަފާތުންނެވެ. އެގޮތުން އެ މެޗުގައި އޭދަފުށި 28 ލަނޑު 11 ފޯލި ހެދިއިރު ހޯނޑެއްދޫއަށް ހެދުނީ 18 ލަނޑެވެ.
މިއަދުގެ ދެވަނަ މެޗުގައި ގްރޫޕް އޭ ގެ ގަދަމޫ އާއި ވާދަކޮށް ނިއުސްޓާ ވެސް މެޗު ކާމިޔާބު ކުރީ 10 ލަނޑުގެ ތަފާތުންނެވެ. އެގޮތުން ނިއުސްޓާ އިން 30 ލަނޑު ފަސް ފޯލި ހަދާފައިވާއިރު ގަދަމޫއަށް ހެދުނީ 20 ލަނޑު އަށް ފޯއްޔެވެ.
މުބާރާތް ހުޅުވި މެޗުގައި ގުލްޒާރު އަތުން ނިއުސްޓާ ބަލިވީ ދެ ލަނޑުގެ ތަފާތުން ނެވެ. އަދި މިއަދުގެ މެޗު ކާމިޔާބު ކުރުމުން ނިއުސްޓާ މިހާރު އޮތީ ދެ މެޗު ކުޅެގެން ޖުމުލަ 3 ޕޮއިންޓް 55 ލަނޑު 6 ފޯލި ހޯދައިގެން ގްރޫޕްގެ އެއްވަނައިގަ އެވެ.
މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތުގައި، މިއަދު ހަވީރު ދެ މެޗު އަދި ރޭގަނޑު ވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަ ޖެހިފަ އެވެ.