މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ގުޅުމުގެ އަމާޒު މިހާރު ހިފާފައި ވަނީ ދެ ވަނަ ބުރަށް، އެއްވަނާގައި އޮވެގެން ދިއުމަށް ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

ޖުމްހޫރީ ގުޅުމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެކޯލިޝަންގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވީ މިހާރު އެ ކޯލިޝަންގެ ދިރާސާތަކުގެ މައްޗަށް ބިނާކޮށް އަމާޒު ހިފަމުންދާ ކަމަށާއި މިއަދު ރާއްޖެ އޮތް ހާލަތުން ދެ ވަނަ ބުރަށް ދާނީ އެމްޑީޕީ އާއި ޖުމްހޫރީ ގުޅުން ކަމަށެވެ.

"މިއަދު އޮތް ހަގީގަތަކީ މި އަހަރުގެ ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ކުރެވޭކަށް އެއްވެސް ބަޔަކަށް ނެތް. މިއަދުގެ ހަގީގަތަކީ އެމްޑީޕީ އާއި ޖުމްހޫރީ ކޯލިޝަން ދެ ވަނަ ބުރަށް ދާނެ،" ޑރ. ހަސަން ސައީދު ވިދާޅުވި އެވެ. "ކުރެވުނު މަސައްކަތްތަކާއި ސާވޭތަކުން އަޅުގަނޑުމެންގެ މިހާރުގެ ޓާގެޓަކީ ރިޔާސީ އިންތިހާބުގެ އެއް ވަނާގައި އޮނަރަބުލް ގާސިމް އިބްރާހިމްގެ ނަން އޮތުން،"

އެ ކޯލިޝަނުން ކޮށްފައިވާ ދިރާސާތަކުގެ އަލީގައި މި އަހަރުގެ އިންތިހާބުގައި ޕާޓީތަކަށް ލިބޭނީ ކިހާ އަދަދެއްގެ ވޯޓްތަކެއްތޯ ސަން އިން ދެންނެވުމުން ހަސަން ވިދާޅުވީ އަދި އެއަދަދުތައް އާންމުކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ ދިރާސާތައް ބަލައި ޓާގެޓް ބަދަލުކުރަންޖެހޭތޯ ނުވަތަ ކުރަން ނުޖެހޭތޯ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ނިންމާނެ ކަމަށެވެ.

ގާސިމް އިބްރާހިމަށް ސިޔާސީ ފަރާތްތަކުން ކުރިމަތިކުރާ ފާޑުކިޔުންތަކާ ގުޅޭ ގޮތުން "ސަން" އިން ސުވާލުކުރުމުން ޑރ. ހަސަން ސައީދު ވިދާޅުވީ މުއްސަނޖަކަށްވުމީ ކުށެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވައްކަމަކާއި ނުލައި ގާސިމް އިބްރާހިމް މުއްސަދިކަން ހޯއްދެވީތީ ފަހުރުވެރިވާ ކަމަށެވެ.

ދެ ހާސް އަށް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއްސަނޖެއް ގައުމުގެ އެންމެ އިސް މަގާމަށް އިސްކުރަން ނުވާނެ ކަމަށް ޑރ. ހަސަން ސައީދު ވިދާޅުވެފައިވާ އިރު މިއަދު އެހެން މޭރުމަކުން ވާހަކަފުޅު ދައްކަވަނީ ކީއްވެތޯ "ސަން" އިން ސުވާލުކުރުމުން ޑރ. ހަސަން ވިދާޅުވީ މިހާރުގެ "ހާލަތު ބަދަލުވެފައިވާ" ކަމަށެވެ. އަދި މިއަދު ގާސިމް އިބްރާހިމްގެ ފަހަތްޕުޅުގައި ތައުލީމީ ގާބިލު ބޭފުޅުން ވެސް ތިއްބެވި ކަމަށް ހަސަން ވިދާޅުވި އެވެ.

ޑރ. ހަސަން ވިދާޅުވީ އެ ކޯލިޝަންގެ ކެމްޕެއިން ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެގޮތުން މިހާރު ވެސް އަތޮޅުތެރޭގައި އެ ޕާޓީގެ އަށް ގުރޫޕަކުން ހަރަކާތްތެރިވާ އިރު މި މަހުގެ 16 ވަނަ ދުވަހު ބޮޑު އިވެންޓެއް މާލޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.