އެންމެ ފަހުގެ ބައިބަލާ "ރަސްގެފާނު" ބީޖީ ސްޕޯޓްސް ނެތި ޖުމުލަ 49 ޓީމާއެކު މި އަހަރުގެ ބައިބަލާ މުބާރާތް ރޭ ފަށައިފި އެވެ.

ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ކޮންމެ އަހަރެއްގެ ފިތުރު އީދާ ގުޅުވައިގެން ބާއްވާ ބައިބަލާ މުބާރާތުގައި އެ މުބާރާތް ބާއްވަން ފެށިފަހުންވެސް ބީޖީ ބައިވެރި ނުވާ މިއީ ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުވެސް ބައިބަލާ މުބާރާތް ބޭއްވި، ހެންވޭރު ކޮޅު ކާނިވާ ސަރަހައްދުގެ ފަހަތުން އޮންނަ ހުސްބިމުގައި މިއަހަރުގެ ބައިބަލާ މުބާރާތް ފައްތަވައި ދެއްވީ ބައިބަލާ އެސޯސިއޭޝަންގެ ރައީސް އަހްމަދު އައްސަދު އެވެ.

ހަތަރު ގްރޫޕަކަށް ބަހާލައިގެން މިމަހުގެ 9 އިން 16 އަށް ކުރިއަށް ގެންދާ އެމުބާރާތުގެ ކުޅުން ކުރިއަށް ގެންދަނީ ނޮކްއައުޓް އުސޫލުން ބަލިވާ ޓީމެއް މުބާރާތުން ކަޓާ ގޮތަށެވެ.

މުބާރާތުގައި ރޭ ހަތް މެޗު ކުޅެފައިވާ އިރު މުބާރާތް ހުޅުވި މެޗުގައި ބޮޒްނިއާ ސިޓީއާ ވާދަކޮށް މެޗު ކާމިޔާބުކުރީ ލޮރެންޒޯ ހައިނަސް އެވެ. އަދި ދެވަނަ މެޗުގައި އަޔަން ސްޕޯޓްސްއާ ވާދަކޮށް މެޗު ކާމިޔާބުކުރީ އޫމްޕާ ލޫމްޕާއެވެ. ރޭ މާޒިޔާ ސްޕޯޓްސް ކްލަބާއި 9-ސްޓާ ފްރެންޑްސް ބައްދަލުކުރި މެޗު ގަދަ ހިފުމަކަށްގޮސްގެން ކާމިޔާބުކުރީ މާޒިޔާ އެވެ. ހަތަރު ވަނަ މެޗުގައި ކުޑަހެންވޭރު ލަޔަންސްއާ ވާދަކޮށް މެޗު ކާމިޔާބުކުރީ އީގަލްސް އިން ތްރީޑީ އެވެ.

ރޭގެ ފަސްވަނަ މެޗުގައި ޓީނޭޖް ބޯއީޒްއާ ވާދަކޮށް އެލްޓީ އަންޑަގްރައުންޑް މެޗު ކާމިޔާބުކޮށްފައިވާއިރު މަސްއޮޑި ސްޕޯޓްސް އަތުން ޓީއެފްޓީ މޮޅުވީ ގަދަ ހިފުމަކަށް ގޮސްގެންނެވެ. އަދި ފަހު މެޗުގައި ޔޫއެން އިވޮލިއުޝަންއާ ވާދަކޮށް މެޗު ކާމިޔާބުކުރީ ކުޑަ ހެންވޭރު ޔުނައިޓެޑް އެވެ.

މިއަހަރު ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 75000ރ. ފައިސާގެ އިނާމްގެ ގޮތުގައި ހުށަހަޅާފައިވާއިރު މުބާރާތުގެ ރަނަރަޕް ޓީމަށް 40000ރ. ލިބޭނެ އެވެ. އަދި މިސްޓަ ބައިބަލާގެ މަގާމަށް ހޮވޭ ކުޅުންތެރިއަކަށް 10000ރ. ލިބޭނެ އެވެ.

ބައިބަލާ މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނީ ރޭގަނޑު އެވެ. އެގޮތުން މިރޭވެސް މުބާރާތުގައި އަށް މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ޒެފްރޯލް ކަންމަތި އަދި ހައް ހާ ވައިކަންމަތި އެވެ.