ސިޔާސީ ޕާޓީގެތަކުގެ މެންބަރުންނަށް އައި ބަދަލާ ގުޅިގެން ހުއްޓިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް އަންގާރަ ދުވަހު ފައްޓާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނާޒިމު ވިދާޅުވީ ކޮމެޓީތައް ނުފެށި ލަސްވެގެން ދިޔައީ ބައެއް ކޮމެޓީތަކަށް މެންބަރުން އައްޔަން ކުރުމުގައި ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައި ވާތީ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ މައްސަލަތައް ހައްލު ކުރެވިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ކޮމެޓީތަކަށް މެންބަރުން އައްޔަން ކުރަން މި ޖެހެނީ ޕާޓީތަކުގެ މެންބަރުން އަދަދަށް. އެހެން ވީމާ ކޮމެޓީތައް ނުފެށި ލަސްވެގެން މި ދިޔައީ ބައެއް ކޮމެޓީތަކަށް މެންބަރުން އައްޔަން ކުރުމައި އަދި ބައެއް ކޮމެޓީތަކުގައި ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަނޑަނޭޅިގެން އެހެން ނަމަވެސް މިހާރު އެ މައްސަލަތައް ގާތްގަނޑަކަށް ވަނީ ހައްލު ކުރެވިފައި،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ޕާޓީތަކުގެ މެދުގައި އެންމެ ބޮޑު ހިޔާލުތަފާތުވުމެއް އުފެދިގެން ދިޔައީ މާލިއްޔަތު ކޮމެޓީ އަށް ޕާޓީތަކުން ތަމްސީލު ކުރާނެ މެންބަރުގެ އަދަދު ކަނޑައެޅުމާ ގުޅޭ ގޮތުން ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ މައްސަލަ ވެސް ހައްލުކުރެވިފައިވާ ކަމަށާއި އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިސް ފަށާ އިރު ހުރިހާ ކޮމެޓީތަކެއް ވެސް ފެށިގެންދާނެ ކަމަށެވެ.

ގާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ 241 ކޮމެޓީއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ 241 ކޮމެޓީ މިހާތަނަށް ނުބޭއްވި ވަނީ ޕާޓީތަކުން ބޭނުން ނުވާތީ ކަމަށާއި އެހެން ނަމަވެސް އަންގާރަ ދުވަހު އެ ކޮމެޓީގެ މަސައްކަތްތައް ވެސް ފެށިގެން ދާނެ ކަމަށެވެ. އަދި އެ ކޮމެޓީ އަށް ވެސް އައްޔަން ކުރާނެ މެންބަރުން ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްގެ މަޝްވަރާގެ މަތިން މިހާރު ހަމަޖެހިފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުވަތަ ތަޅުމުގެ މަސައްކަތް ނުބޭއްވުން އެއީ މައްސަލައެއް ނޫން ކަމަށެވެ.

"ހަގީގަތުގައި މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދިއުން އެއީ މައްސަލައެއް ނޫން. ސިންގަޕޫރު ފަދަ ގައުމުތަކުގައި ވެސް މަޖިލީހުގެ ތަޅުމުގައި މާގިނަ މަސައްކަތްތަކެއް ނުކުރާނެ. މަޖިލީހުގެ މުހިންމު ބޮޑެތި މަސައްކަތްތައް ކުރިއަށް ދާނީ މަޖިލީހުގެ ކޮމެޓީތަކުގައި،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގެ މަސައްކަތް މަދުވެފައި ވަނީ މިވަގުތު ސަރުކާރުން ވެސް މަޖިލީހަށް ބިލްތައް ނުފޮނުއްވާތީ ކަމަށާއި އަދި ކޮމެޓީތަކުން އަންނަން ޖެހޭ ރިޕޯޓްތައް ވެސް ތަޅުމަށް ނައަންނާތީ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރު ބަދަލުވި ފަހުން ވަޒީރުންނާއި ސުވާލު ކުރަން އެމްޑީޕީން ބޭނުން ނުވާތީ އެބައި ކުރިއަށް ނުދާތީ ވެސް މަޖިލީހުގެ މަސައްކަތައް މަދުވެފެފައިވާ ކަމަށެވެ.