10 Aug 2013, 13:55
ގއ. ވިލިނގިލީގައި އުމުރުން ހަތަރު އަހަރުގެ ދަރިފުޅުގެ ކުރިމަތީގައި އަނބިމީހާ އަށް ބޮޑެތި އަނިޔާތަކެއް ކުރިކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް އިތުރުކޮށްފި އެވެ.
އަނބިމީހާ އަށް ބޮޑެތި އަނިޔާތަކެއް ދިންކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ގއ. ވިލިނގިލީ ވާދީގޭ އަހުމަދު މުއީދު،33،ގެ ބަންދުގެ މުއްދަތު އެ ރަށު މެޖިސްޓްރޭޓްކޯޓުން އިތުރުކޮށް ދިނީ ފިތުރު އީދު ދުވަހު އެވެ.
އެ މީހާ ހައްޔަރު ކުރީ އޭނާގެ އަނބިމީހާ އަށް ލިބިފައިވާ ޒަހަމްތަކަށް ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދޭން ފެށި ފަހުންނެވެ. ނަމަވެސް ފުލުހުން ފުރަތަމަ ވަނީ އޭނާ ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަޔާން ނެގުމަށް ފަހު ދޫކޮށްލާފަ އެވެ. ނަމަވެސް އާއިލާ އިން ފުލުހުންނަށް ޝަކުވާތަކެއް ހުށަހެޅުމުން ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އޭނާ ހައްޔަރު ކުރި އެވެ.
އަންހެން މީހާގެ ކޮއްކޮއަކު އެ ދުވަހު "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާގެ ދައްތައަށް އެ މީހާ އަނިޔާ ކުރަމުންދާތާ އެތައް ދުވަހެއްވެއްޖެ އެވެ. އެ އަނިޔާތައް ކުރަމުންދަނީ ދައްތަގެ ހަތަރު އަހަރުގެ ދަރިފުޅުގެ ކުރިމަތީގައި ކަމަށް ވެސް އޭނާ ބުންޏެވެ. ދިން އަނިޔާތަކުގެ ސަބަބުން ދައްތަގެ އަނގަޔާއި ނޭފަތުން ލޭ އައި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރު ވާހަކަ ވެސް ނުދެއްކޭ ކަމަށާއި ހަށިގަނޑުގެ އެކި ދިމާލުން ނޫފައިގެންފައި ބައެއް ތަންތަނުން ލޭ އަންނަމުންދާ ކަމަށް އަންހެން މީހާގެ ކޮއްކޮ އޭރު ބުނެފައި ވެއެވެ. އަދި ބުނީ ދައްތަގެ ދަރިފުޅު ބިރުން އެރޭ ނުވެސް ނިދާ ކަމަށެވެ.
"ދައްތަޔަށް ކުރިން އޮތީ މަންމަގެން ގެއަށް ދިއުން މަނާ ވެސް ކޮށްފައި. ގެއިން ބޭރަށް ނުކުތުން ވެސް އޮތީ މަނާކޮށްފައި. އެކި ކަންކަމާ ޒުވާބުކޮށްފައި ދަރިފުޅު ކުރިމަތީގައި މި ހުރިހާ އަނިޔާއެއް މި ކުރަނީ. ޒަހަމްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ފަހުން މި ހުރިހާ ވާހަކަތަކެއް މި ކިޔައިދިނީ ވެސް،" ނަން ނުޖެހުމަށް ޝަރުތުކޮށް އަންހެން މީހާގެ ކޮއްކޮށް ބުންޏެވެ.
ފުލުހުން އެރޭ ބުނީ އަނބިމީހާ އަށް އަނިޔާކޮށްގެން ވިލިނގިލިން މީހަކު ހައްޔަރު ކުރި ކަމަށާއި އޭނާ ހައްޔަރު ކުރުމަށް ފަހު ބަޔާން ނަގައި ފުރަތަމަ ދޫކޮށްލީ "އާއިލީ" ކަމަކަށް ވާތީ ކަމަށެވެ. ނަމަވެސް ދެ ވަނަ ފަހަރަށް އޭނާ ހައްޔަރު ކުރީ އޭނާގެ އަނބިމީހާ އަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު ލިބުމުން، ގެވެށި އަނިޔާގެ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށާއި އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދާނެ ކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ.
"ސަން" އެނގިފައިވާ ގޮތުގައި އަނބިމީހާ އަށް އަނިޔާކޮށްގެން ވިލިނގިލިން ރޭ ހައްޔަރު ކުރި މީހާގެ އަލަތު ކައިވެނި ރޫޅުނީ ވެސް އޭރުގެ އަނބިމީހާ އަށް އަނިޔާކުރާތީ އެވެ. އަދި އެ މައްސަލަ ކަމާ ބެހޭ އިދާރާތަކުން ތަހުގީގު ކުރިކަމަށް ވެސްވެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މުއީދު އަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.