ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ތިޖޫރީ ހަލާކުކޮށްލައިގެން ބައި މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އިމިގްރޭޝަންގެ ތިޖޫރީ ހަލާކުކޮށްލި ވައްކަން ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 09:00 ހާއިރު ކަމަށެވެ.
ނަމަވެސް އެ ވައްކަން ކޮށްފައި ވަނީ ކޮންއިރަކު ކަން ނޭނގޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތައް ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ގާޒީ ބިލްޑިންގް އެންމެ ތިރީގައި ހުންނަ އިމިގްރޭޝަންގެ އޮފީހުން ވައްކަން ކޮށްފައިވަނީ އެޓޯލްސް ކެންޓީނު ތެރެއިން ވަދެ ޣާޒީ ބިލްޑިންގްއާ ދޭތެރޭ އޮންނަ ހުސް ޖާގައިގެ ތެރެއިން އިމިގްރޭޝަން ހުންނަ އޮފީހުގެ ބިއްގަނޑު ހަލާކު ކޮށްލައިގެން ވަދެ ކަމަށެވެ.

އެކަމާ ގުޅިގެން އިމިގްރޭޝަނުން ވަނީ އެއްޗެއް ބުނަން ދެކޮޅު ހަދާފަ އެވެ.

އަދި ތިޖޫރީން ނެގި ފައިސާގެ ސީދާ ޖުމްލަ އަދަދެއް ވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.