10 Aug 2013, 13:17
ސްޕޭންގެ ބެނިޑާމްގައި އިމާރާތްކޮށް ނިމެމުން އަންނަ އިންޓެމްޕޯ ޓަވަރަކީ ޔޫރަޕްގެ އެންމެ އުސް އިމާރާތަށް ހެދުމަށް އަމާޒުކޮށްގެން އިމާރާތްކުރާ ބިނާއެކެވެ.
ދެ ޓަވަރު އެކުލެވޭ ގޮތަށް 200 މީޓަރުގެ އުސްމިނުގައި އިންޓެމްޕޯ ޓަވަރު އިމާރާތްކޮށް ނިމެން މަދު ދުވަސް ކޮޅަކަށް ވެފައިވާ އިރު އެންމެ ކަމެއް އަތުން ދޫވުމުގެ ސަބަބުން ވަނީ ބޮޑު މައްސަލައަކާ ކުރިމަތި ވެފަ އެވެ. ބަލާލަން ރީތި، ހިތްގައިމު ސަރަހައްދެއްގައި ހުރި ޓަވަރުގެ މައްސަލައަކީ އެތަނުގެ 20 ވަނަ ބުރިން ފެށިގެން މައްޗަށް އެރުމަށް ލިފްޓެއް ބެހެއްޓިފައި ނެތުމެވެ.
އިންޓެމްޕޯ ޓަވަރު ފުރަތަމަ ޑިޒައިން ކުރީ 20 ބުރީގެ އިމާރާތެއްގެ ގޮތުގަ އެވެ. އެތަން އެއަށް ވުރެ އުސްކޮށް އިމާރާތްކުރަން ނިންމީ މަސައްކަތުގެ މެދަކާ ހިސާބުންނެވެ. އެހެންވީމާ އެތަނުގެ 20 ވަނަ ފަންގިފިލައާ ހިސާބަށް އަރާނެ ލިފްޓް އެބަހުއްޓެވެ. ނަމަވެސް އެ އަށް ވުރެ މައްޗަށް އެރުމަށް ލިފްޓެއް ނެތް އިރު، ލިފްޓެއް ބަހައްޓާނެ ޖާގަވެސް ނެތް ކަމަށް ސްޕޭންގެ އެލްޕާއިސް ނޫހާ ހަވާލާދީ އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް އިން ބުންޏެވެ.
ޓަވަރުގައި ލިފްޓެއް ބަހައްޓަން އާކިޓެކްޓުން ހަދާން ނުވުމަށް ރަނގަޅު އުޒުރުތައް އެބަހުއްޓެވެ. އެތަން އިމާރާތް ކުރުމުގައި މަސައްކަތް ކުރި މީހުން އުޅެފައި ވަނީ ވަރަށް ނިކަމެތި ހާލެއްގަ އެވެ. އެގޮތުން 23 ވަނަ ފަންގިފިލަޔާ ހިސާބަށް މަސައްކަތް ދިޔަ އިރު ވެސް، ސާވިސް ލިފްޓެއް ނުބަހައްޓާތީ، އެމީހުން އަރާފައިބަން ޖެހުނީ ހިނގާފަ އެވެ.
އެއަށް ފަހު ހަރުކުރި ސާވިސް ލިފްޓް 2011 ވަނަ އަހަރު ވެއްޓުމުގެ ސަބަބުން މަސައްކަތްތެރީންގެ ތެރެއިން 13 މީހުން ޒަހަމްވި އެވެ. ފައިސާ ސަލާމަތް ކުރުމަށް ޓަކައި އިމާރާތުގެ ވަށައިގެންވާ ސަރަހައްދު އޭރު އޮތީ ސާފު ނުކޮށެވެ. އެހެންވެ، ޒަހަމްވި މަސައްކަތްތެރިންނާ ހަމައަށް އެމްބިއުލާންތައް ވާސިލުވުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވި އެވެ.
ކުރިމަތިވި އަނެއް މައްސަލައަކީ ދެޓަވަރު ގުޅުވައިދޭ، އަދި އިމާރާތުގެ އެންމެ މަތީގައިވާ އަށް ފަންގިފިލާގެ މަސައްކަތް ނުނިމި ވަނިކޮށް އާކިޓެކްޓުން އިސްތިއުފާ ދިނުމެވެ.
މިހުރިހާ ކަމަކާ އެކުގައި އިންޓެމްޕޯ ޓަވަރު އިމާރާތްކުރަމުން ދިޔަ ކުންފުންޏަށް ކުރިމަތިވި ފައިސާގެ މައްސަލަތައް ހައްލުނުވުމުން، "ބޭޑް ބޭންކް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ދަ ސޮސިއެޑާޑް ޑިގެސްޓިއަން ޑިއެކްޓިވޯސް ޑި ލާ ރިއެސްޓްރަކްޓްރޭޝިއަން ބޭންކާރިއާ އިން މިހާރު ވަނީ އިމާރާތާ ހަވާލުވެފަ އެވެ. އެ ބޭންކަކީ ސްޕޭންގެ އެންމެ ގެއްލުން ބޮޑު މުދާތަކުގެ މައްސަލަތައް ހައްލުކުރާ ބޭންކެވެ.
އިންޓެމްޕޯ ޓަވަރުގެ މަސައްކަތް ނިމި 2009 ވަނަ އަހަރު ހުޅުވޭނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް މިއަދާ ހަމަ އަށް ނިމިފައި ވަނީ އިމާރާތުގެ 94 ޕަސެންޓް މަސައްކަތެވެ. ނަމަވެސް މި އަހަރުގެ ޑިސެމްބަރު މަހު އިމާރާތް ނިމޭނެ ކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.