10 Aug 2013, 12:46
ލިވަޕޫލް މިޑްފީލްޑަރު ރަހީމް ސްޓާލިން އޭނާގެ ލޯބިވެރިޔާ ޝާނާ ހަލިޑޭ އަށް އަނިޔާކޮށް މާރާމާރީ ހިންގި ކަމުގެ ތުހުމުތުގައި ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
އިންގްލެޑް 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ މިޑްފީލްޑަރު އުމުރުން 18 އަހަރުގެ ސްޓާލިން ހައްޔަރު ކޮށްފައި ވަނީ، ހުކުރު ވިލޭރޭ ހިޔުޓަންގެ ޕޭޖް މޮސް ސަރަހައްދުގައި އޭނާގެ ލޯބިވެރިޔާ އަދި އިނގިރޭސިވިލާތުގެ މަޝޫރު މޮޑެލްކުރުންތެރިއެއް ކަމަށްވާ 19 އަހަރުގެ ޝާނާ އަށް އަނިޔާކުރި ކަމުގެ ތުހުމަތުގަ އެވެ.
ލިވަޕޫލްގެ މެޖިސްޓްރޭޓް ކޯޓުގައި ރަހީމް ވަނީ، އޭނާއާ ދެކޮޅަށް އުފުލާފައިވާ ދައުވާއަށް އިންކާރުކޮށްފަ އެވެ. އަދި އެރޭ ކުޑަގޮޅީގައި ބޭއްވުމަށް ފަހު ކަފާލާތުގެ ދަށުން މިހާރު ވަނީ ދޫކޮށްލާފަ އެވެ. ރަހީމްގެ ޝަރީއަތް ދެން އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހު ހަމަ އެ ކޯޓުގަ އެވެ.
އިނގިރޭސި ވިލާތުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމް ސްކޮޓްލޭންޑާ އެކު ކުޅުމަށް ހަމަޖެހިފައިވާ ރަހްމަތްތެރިކަމުގެ މެޗަށް ނެގި ސްކޮޑްގައި ހިމަނާފައިވާ ލިވަޕޫލް މިޑްފީލްޑަރާ ބެހޭ ގޮތުން އެ ޓީމުން ބުނެފައި ވާނީ، ރަހީމް ވަނީ އޭނާއާ ދޭތެރޭގައި ކުރާ ތުހުމަތުތަކަށް ދެކޮޅު ހަދާފައި ކަމަށާއި އަދި ކޯޓްމަރުހަލާގައި ކުރިއަށްދާ މަސައްލައަކަށް ވާތީ، މި ވަގުތު އޭނާއާ ބެހޭ ގޮތުން ކްލަބުން އެއްޗެއް ބުނަންވެސް އަދި ފިޔަވަޅެއް އަޅަންވެސް ބޭނުން ނުވާ ކަމަށެވެ.
ކުރިން "ރީޓެއިލް އެސިސްޓެންޓް"އެއްގެ ގޮތުގައި މަސައްކަތް ކުރި، ޝާނާ ހަލިޑޭ ވަނީ، މިއަހަރުގެ ކުރީ ކޮޅުގައި އިނގިރޭސި ވިލާތުގެ ޓޮޕް މޮޑެލްގެ މަގާމް ހޯދާފަ އެވެ.