12 Nov 2010, 13:55
ސަރުކާރުން އިސްލާމްދީނަށް ގޮން ޖެހުމަށްޓަކައި ކުރަމުން އަންނަ ކަންކަން ހުއްޓާނުލާކަމުގައި ވާނަމަ ސަރުކާރަށް އެއްބާރުލުން ދިނުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު އަދާލަތު ޕާޓީން ދީފި އެވެ.
އަދާލަތު ޕާޓީން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނަނީ އިސްލާމީ ވަހުދަތާއި ދިވެހިންގެ ސަގާފަތާއި އަމިއްލަވަންތަކަމަށް ސަރުކާރުން މަލާމަތް ކުރަމުން ދާދިއުން ވަގުތުން ހުއްޓާލުމަށެވެ. އަދި ސަރުކާރުން އިސްލާމިކް މިނިސްޓްރީގެ ލަފަޔާއި އިރުޝާދު ތަކަށް ބީރު ކަންފަތެއް ދެމުން ދާކަން ފާހަކަކޮށް އެކަން ވަރަށް ބޮޑަށް ކުއްވެރިކުރާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
"... ދީނާއި ސީދާ ގުޅުންހުރި އެކިއެކި ބޮޑެތި މަސްއަލަތަކުގައި އިސްލާމީ ކަންތަކާއިބެހޭ ވުޒާރާގެ ލަފާ ހޯދަމުން ނުދާ ކަމާއި އަދި އެ މިނިސްޓްރީގެ ފަރާތުން މިފަދަ މަސްއަލަ ތަކުގައި ދެއްވާ ލަފާ އެއީ އެއްވެސް އަގެއްހުރި އެއްޗެއް ކަމުގައި ސަރުކާރު ހިންގަވަންތިއްބެވި ފަރާތްތަކުން ނުދެކޭކަމީ އެކަމާއިމެދު ޢަދާލަތު ޕާޓީއިން ނުހަނު ކަންބޮޑުވެ އަދި ސީރިއަސް ކޮށް ވިސްނަމުން ގެންދާކަމެއް ކަމުގައި ހާމަކުރަމެވެ." އަދާލަތުގެވ ބަޔާނުގައި ވެއެވެ.
ދާދިފަހުން ސަރުކާރުން އާންމު ކުރި ރަމްޒީ ކައިވެނީގެ ގަވާއިދާއި، ދެ ޖިންސު އެއްކޮށް މަސްހުނިކޮށްގެން ސުކޫލްތަކުގައި ކިޔަވައި ދިނުމަށް ސަރުކާރުން ނިންމާފައިވާ ސިޔާސަތާއި ރަށްރަށުގައި ބަނގުރާ ވިއްކުމަށް މަގުފަހިވާ ގޮތަށް ސަރުކާރުން އަމަލުކޮށްފައިވުމުން މި ކަންކަމާއި ދޭތެރޭ އެ ޕާޓީން ވަރަށް ބޮޑަށް ކަންބޮޑު ވާކަމަށް ވެސް ބުނެފައި ވެއެވެ.
ރަމްޒީ ކައިވެނި ކޮށްދިނުމުގެ ގަވާއިދު ބައްޓަން ކުރެވިފައި ވާގޮތުން ކައިވެނި ކުރުމަކީ އިސްލާމްދީނުގެ ޝިއާރެއް ކަމުގައިވާ ހިނދު މިފަދަ ރަމްޒީ ގޮތަކަށް ކައިވެނި ކޮށްދިނުމަކީ އެއްވެސް ދީނީ އަދި ޝަރުއީ މިންގަޑަކުން ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށް އިޝާރާތްކޮށް އެ ބަޔާނުގައި ބުނަނީ ގަވާއިދު އެގޮތަށް ބައްޓަން ވެފައިވާ ގޮތުން ރާއްޖޭގައި އެހެން ދީންތަކުގައި ކައިވެނި ކުރާ އުސޫލުން ކައިވެނި ކުރުމަށް މަގުފަހި ވެގެން ހިނގައިދާނެ ކަމަށާއި އޭގެ ސަބަބުން ގާނޫނީ އެތަށް މައްސަލަތަކެއް ނުކުމެދާނެ ކަމަށެވެ.
"ރަމްޒީ ގޮތުން ނަމަވެސް ރާއްޖޭގައި ކައިވެނި ކުރާ ދެމަފިރިންގެ ކައިވެނި ކޮށްދޭ މީހާގެ ގާނޫނީ ބާރަކީ ކޮބައިކަމާ މެދު ވެސް ސުވާލު އުފެދެ އެވެ. މިހާރު މިކަން ކުރަނީ ރިސޯޓުގެ ދިވެހި މުވައްޒަފުންނެވެ. އެހެނީ ކައިވެނިކޮށްދޭ މައުޒޫނަކީ ކޮންމެވެސް ވަރެއްގެ ގާނޫނީ ބާރުތަކެއް ލިބިގެން ހުންނަންވާނޭ މީހެއް ކަމަށްވާއިރު، އެހެން ދީނެއްގެ ބައެއްގެ ކައިވެނި ކުރުމަށް ނުވަތަ ރަމްޒީ ކައިވެނި ކުރުމަށް ނުވަތަ 'ވެޑިން ވޯސް ރިނިއު' ކުރުމަށް އެފަދަ މައުޒޫނެއްގެ ކޮނޑުގައި އެޅިފައި އޮތް ގާނޫނީ ނުވަތަ ދީނީ ބާރަކީ ކޮބައިކަމާ މެދު ވެސް ސުވާލު އުފެދެ އެވެ. އަދި މިފަދަ ހާލަތުގައި ކައިވެންޏެއް ކުރެވިފައި ވަނީ ނުވަތަ 'ވެޑިން ވޯސް ރިނިއު' ކުރެވިފައި ވަނީ ރަނގަޅަށް ކަމުގައި ގަވާއިދުގައިވާ ފަދައިން، ރިސޯޓުގެ މެނޭޖްމަންޓުން ސެޓިފައި ކުރެވޭނީ ކޮން އުސޫލެއްގެ ދަށުން ކަމުގައި ވެސް ސުވާލު އުފެދެ އެވެ." އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.