ވޮޝިންޓަން (އޮގަސްޓް 10): އާންމު ރައްޔިތުންނަށް ޖާސޫސްކުރުމަށް އެމެރިކާ ކުރިޔަށްގެންދާ ޙަރަކާތްތައް ހުއްޓާލައްވާނެ ކަމަށާއި އަދި މިކަމާ ބެހޭ ޤާނޫނުތަކަށް އިސްލާޙީ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސް ބަރަކް އޮބާމާވިދާޅުވެއްޖެ އެވެ.

އެމެރިކާ ސަރުކާރުން އެގައުމުގެ ރައްޔިތުންގެ އެންމެ އަސާސީ ޙައްގުތަކަށް ވެސް އަރައިގަނެ އާންމު ރައްޔިތުންގެ ފޯންކޯލްތަކާއި އީ މެއިލްތައް ފަދަ ތަކެއްޗަށް ވެސް ފާރަލައި ޖާސޫސުކުރަމުން ދިޔަ މައްސަލަ ބޭޒާރުވެ އުތުރުކޮރެޔާ ފަދަ ޑިކްޓޭޓާޝިޕް އޮންނަ ގައުމުތަކުގެ ފެންވަރުގައި އެމެރިކާގެ ޢަމަލުތައް ހުރިކަން ދުނިޔެ އަށް ހާމަވުމާ އެކު ލަދުގެންފައިވާ އެމެރިކާގެ ރައީސް ވިދާޅުވީ ޖާސޫސީ ޙަރަކާތްތައް ކުރިޔަށް ދާގޮތް ގޮތް އިސްލާހުކުރަން ޖެހޭ ކަމުގަ އެވެ.

ނަމަވެސް އޮބާމާވަނީ އެމެރިކާ ސަރުކާރުން އަމިއްލަ ރައްޔިތުންނަށް ޖާސޫސުކުރީ އެމެރިކާގެ ގައުމީ މަސްލަހަތު ހިމާޔަތްކޮށް ރައްޔިތުންނަށް ރައްކާތެރިކަން ދިނުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ އެމެރިކާގެ ރައްޔިތުންގެ ފަރުދީ މިނިވަން ކަމަށް ސަރުކާރުން އަރައިގެންފައިވާ މައްސަލަ ދިފާޢުކުރައްވާފަ އެވެ.

އެމެރިކާގެ ޖާސޫސީ ހަރަކާތްތައް ބޭޒާރުކޮށްލި އެޑްވަޑް ސްނޯޑެންހައްޔަރުކުރަން ސިއްރިޔާތުގައި އެމެރިކާ މަސައްކަތް ކުރަމުން ދަނިކޮށް ރަޝިއާ އިން އޭނާ އަށް ހިމާޔަތް ދިނުމުން އެމެރިކާ އަށް ވަނީ އެގައުމުވަނީ ރަޝިޔާއާ އެކު ފިނި ހަނގުރާމައިގެ ޙާލަތުގައި ކަން އިޙްސާސްކުރެވިފައި ކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)