ވޮޝިންޓަން (އޮގަސްޓް 10): އެމެރިކާއާއި ރަޝިޔާގެ ދެބަސްވުންތައް ބޮޑުވަމުން ދިޔަނަމަވެސް ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކުގައާއި ދެގައުމުގެ ދެމެދުގައިވާ ޙައްސާސީ މައްސަލަތައް ޙައްލުކުރުމަށް ޓަކައި ދެގައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށާ ފިނި ހަނގުރާމައިގެ ޙާލަތަށް ދެގައުމު ގޮސްގެން ނުވާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވެއްޖެ އެވެ.

ކެރީ މިމޭރުމުން ވާހަކަ ދައްކަވާފައިމި ވަނީ ރަޝިޔާގެ ޚާރިޖީވަޒީރު ސަރްގީ ލާވްރޯވް އާ ވޮޝިންޓަންގައި ކުއްލި ގޮތަކަށް ބައްދަލުކުރެއްވުމަށްފަހުގަ އެވެ. ދެގައުމުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވާފައިމި ވަނީ މިމަހުގެ ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮބާމާއާއި ޕޫޓިންގެ ސަމިޓް ބައްދަލުވުން އުވާލިކަން އޮބާމާ އިޢްލާން ކުރެއްވިތާ ދެދުވަހުގެ ތެރޭގަ އެވެ. އޮބާމާއާއި ޕޫޓިންގެ ސަމިޓް އުވާލަންޖެހުނީ އެމެރިކާގެ ޖާސޫސީ ސިއްރުތައް ބޭޒާރުކޮށްލެއްވި އެމެރިކާގެ ޖާސޫސީ ކުރީގެ އެޖެންޓް ކަމަށްވާ އެޑްވަޑް ސްނޯޑެން އަށް ރަޝިޔާ އިން ސިޔާސީ ޙިމާޔަތް ދިނުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް އޮބާމާ ވިދާޅުވެފައިވެ އެވެ.

އެމެރިކާއާއި ރަޝިޔާގެ ޚާރިޖީވަޒީރުން ވޮޝިންޓަންގައި ބައްދަލުކުރެއްވި އިރު ދެގައުމުގެ ދިފާޢީ ވަޒީރުން ކަމަށްވާ ރަޝިޔާގެ ސަރްގީ ޝިވޫގީ އާއި އެމެރިކާގެ ޗަކް ހެގްލްވެސް ވަނީ ވޮޝިންގްޓަންގައި ބައްދަލުކުރައްވާފަ އެވެ. މިބައްދަލުކުރެއްވުންތަކުގެ ބޭނުމަކީ ރަޝިޔާ އާއި އެމެރިކާގެ ދެބަސްވުންތަކުގެ ސަބަބުން ދެގައުމުގެ ގުޅުންތައް ފިނި ހަނގުރާމައިގެ ޙާލަތައް ދިޔަ ނުދިނުމަށް މަސައްކަތް ކުރުން ކަމަށް މުރާސިލުން ބުނެ އެވެ.

ރަޝިޔާގެ ދެކޮޅު ހެދުންތަކުގެ ސަބަބުން އީރާނުގެ ނިއުކްލިޔާ މައްސަލައާއި އުތުރުކޮރެޔާގެ މައްސަލައާއި ސޫރިޔާގެ މައްސަލަ ފަދަ މައްސަލަތަކުގައި އެމެރިކާ އަށް ވަނީ އެމެރިކާ ބޭނުންވާގޮތަށް ކަންތައްތައް ތަންފީޒު ކުރުމަށް ވަރަށް ބޮޑަށް ދަތިވެފަ އެވެ. އަދި ޚާއްސަކޮށް ސޫރިޔާގެ މައްސަލާގައި އެމެރިކާއަށް ވަނީ ރަޝިޔާގެ ދެކޮޅު ހެދުންތަކާގުޅިގެން އދ.ގެ ތެރޭން ސޫރިޔާއާ ދެކޮޅަށް އެއްވެސް ގަރާރެއް ފާސްކުރުމަށް ނުކުޅެދިފަ އެވެ. (ރޮއިޓާސް)