10 Aug 2013, 11:46
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވިއްޖެ ނަމަ ވެރިކަމުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ގއ. ކޮލަމާފުށީގައި ފެނާއި ނަރުދަމާ ގާއިމުކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގއ. ކޮލަމާފުށީގައި އެމްޑީޕީގެ ޖަގަހައެއް ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ރޭ ވިދާޅުވީ އެމްޑީޕީ އަކީ ވަޢުދު ވުމަށް ފަހު ވަޢުދު ފުއްދައިދޭނެ ޕާޓީއެއް ކަމަށެވެ. އަދި އެކަން މީގެ ކުރިން ސާބިތުކޮށްދެއްވާފައި ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެނަށް މި އިންތިހާބު މި ކާމިޔާބު ކުރެވެނީ އަޅުގަނޑަށް ޔަގީން އިރާދަ ކުރެއްވީއްޔާ މި ކޮލަމާފުށީގެ ފެނާއި ނަރުދަމާގެ ނިޒާމު ހަ މަސް ތެރޭ އަޅުގަނޑުމެން އަޅާނަމޭ ބުނީމާ ތިޔަ ބޭފުޅުން ގަބޫލު ކުރާތީ. އިރާދަކުރެއްވީއްޔާ މި ކޮލަމާފުށީގެ ފެނާއި ނަރުދަމާ އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ހަ މަސް ތެރޭގައި އަޅާނަން. އަޅުގަނޑުމެންނަކީ ދޮގު ހަދާ ބެއެއް ނޫން. އަޅުގަނޑުމެން ވަޢުދު ވުމަށް ފަހު އެ ވަޢުދެއް ފުއްދައިދޭނަން،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ އަކީ ކޮންމެ އިންތިހާބަކާ ގާތްކޮށް ހުސް ވަޢުދުތައް ވަމުން އެކި ރަށްރަށުގައި ކަޑަ ޖަހަމުން ދާނެ ޕާޓީއެއް ނޫން ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގެ 30 އަހަރުގެ ތެރޭގައި ނުވާހާ ގިނަ ކަންތައްތަކެއް އެމަނިކުފާންގެ ތިން އަހަރުގެ ތެރޭގައި ކޮށްދެއްވާފައި ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެނަކީ ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ކަޑަ ޖަހަމުން ދުވާނެ ޕާޓީއެއް ނޫން. ކުރީގެ 30 އަހަރުގެ ވެރިކަމުގައި ވަޢުދުވި ގއ.ގައި އެއާޕޯޓެއް އަޅައިދޭން އެކަން ވެސް ކުރީ އަޅުގަނޑުމެން. އަޅުގަނޑުމެން ވައުދުވިން ފުވައްމުލަކުގައި އެއާޕޯޓެއް އަޅައިދޭން އެކަން ވެސް ކޮށްދިނިން. އަޅުގަނޑުމެން ވަޢުދުވިން މުޅި އައްޑޫ ސިޓީގެ މަގުތައް ހަދައިދޭން. އަޅުގަނޑުމެން އެކަން ބާރަށް ކޮށް ނިންމިން." ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް އެއްބުރުން ކާމިޔާބު ކުރެވޭނެކަން އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެމްޑީޕީ އާއި އެމަނިކުފާނާއި އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުން ދަނީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަކަށް ނޫން ކަމަށާއި އެބޭފުޅުން މަސައްކަތް ކުރަމުން ދަނީ 2018ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކަމަށެވެ.