10 Aug 2013, 11:33
ރެނައިޒާންސް ދުވަސްވަރުގެ މަޝްހޫރު ކުރެހުންތެރިޔާ ލިއަނާޑޯ ޑާ ވިންޗީގެ އެންމެ މަޝްހޫރު މަސައްކަތް ކަމަށްވާ "މޮނާ ލިސާ" ކުރެހުމުގައިވާ އަންހެން މީހާގެ އަސްލު ހޯދުމަށް އިޓަލީގެ ސައިންސްވެރިން ގަބުރެއް ކޮނެގެން ޑީއެންއޭ ނަގައިފި އެވެ.
އިޓަލީގެ ފުލޮރެންސްގައި ހުރި މިގަބުރު ކޮނެފައި ވަނީ "މޮނާ ލިސާ" ކުރެހުމުގައި ފެންނަ އަންހެން މީހާއަކީ ފުލޮރެންސްގައި ވަޅުލެވިފައިވާ އެދުވަސްވަރުގެ ސިލްކު ވިޔަފާރިވެރިއެއްގެ އަންހެނުން ކަމަށްވާ ލިސާ ގެރާޑިނީ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހޯދުމަށެވެ.
އިޓަލީގެ ސައެންސްވެރިން ކޮނެފައިވާ ގަބުރަކީ ފުލޮރެންސްގެ ސިލްކު ވިޔަފާރިވެރިއެއް ކަމަށްވާ ފުރެންސެސްކޯ ޑެލް ގިއޮކޮންޑޯގެ އާއިލާ ވަޅުލާފައިވާ ސަރަހައްދެވެ.
ފުރެންސެސްކޯ ޑެލް ގިއޮކޮންޑޯއަކީ ލިސާ ގެރާޑިނީގެ ފިރިހެނުން ކަމުން މިގަބުރުތަކުގެ ތެރޭގައި ލިސާ ގެރާޑިނީ އަދި ފުރެންސެސްކޯގެ ދަރިއެއް ކަމަށްވާ ޕިއެރޯގެ ގަބުރު ހިމެނޭނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
ރިސާޗަރެއް ކަމަށްވާ ސިލްވާނޯ ވިޗެންޓީ ބުނީ ލިސާ ގެރާޑިނީގެ ދަރިފުޅުގެ ޑީއެންއޭ ހޯދުމުގެ ބޭނުމަކީ ލިސާ ގެރާޑިނީ އަކީ ކޮބައިކަން ޔަގީންކުރުން ކަމަށެވެ.
"މީގެ ކުރިން މިސަރަހައްދުގައިވާ ފައްޅިއެއްގެ ތެރެއިން ވަނީ ތިން މީހެއްގެ ބޮލުގެ ނާށިގަނޑު ފެނިފައި. ބެލެވެނީ މީގެ ތެރެއިން އެއް ނާށިގަނޑަކީ ލިސާ ގެރާޑިނީގެ ބޮލުގެ ނާށިގަނޑު ކަމަށް. ޑީއެންއޭ ބޭނުންކޮށްގެން ޕިއެރޯއާ ގުޅުން ހުރީ ކޮން ނާށިގަނޑެއް ކަން ބެލުމުން ލިސާ ގެރާޑިނީ ހޯދުނީ،" ވިޗެންޓީ ވިދާޅުވި އެވެ.
ޑީއެންއޭ މެދުވެރިކޮށް ލިސާ ގެރާޑިނީ ހޯދުމުން އޭނާގެ ބޮލުގެ ނާށިގަނޑު ބޭނުންކޮށްގެން ލިސާ ގެރާޑިނީގެ މޫނު ހުންނާނެ ގޮތް 3ޑީ ކޮށް ޖެނެރޭޓްކުރެވޭނެ އެވެ. އޭގެ ފަހުން މޮނާ ލިސާގެ ކުރެހުމާއި ލިސާ ގެރާޑިނީގެ މޫނާ އެއްގޮތްތޯ ނުވަތާ ނޫން ތޯ އެނގިގެންދާނެ ކަމަށް ވިޗެންޓީ ވިދާޅުވި އެވެ.
ވިޗެންޓީގެ މިމަސައްކަތަކީ އެތައް ޒަމާނެއް ވަންދެން ގިނަ ބަޔަކު ހައިރާންކުރުވާފައިވާ ސުވާލެއްގެ ޖަވާބު ހޯދުމަށް ކުރެވޭ މަސައްކަތެކެވެ. އެސުވާލަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ދަންނަ ކުރެހުމުގެ ގޮތުގައި މަޝްހޫރު ވެފައިވާ "މޮނާ ލިސާ" ކުރެހުމުގައި ފެންނަ އަންހެން މީހާއަކީ ކާކު ކަމާ މެދު އުފެދޭ ސުވާލުތަކެވެ.
ބުނެވޭ ގޮތުގައި ލިއަނާޑޯ ޑާ ވިންޗީ މޮނާ ލިސާ ކުރެހުން ފުރިހަމަކޮށްފައި ވަނީ 15 އަހަރު ދުވަހުގެ މަސައްކަތަށް ފަހުގަ އެވެ. ކުރެހުން ފުރިހަމަކުރުމަށް ފަހު އެކުރެހުމުގެ ފުރިހަމަކަމާ ހެދި ޑާ ވިންޗީ ވަނީ އޭނާއާ އެކު ދިޔަ ކޮންމެ ތާކަން މޮނާ ލިސާ ގެންގޮސްފަ އެވެ.
ޑާ ވިންޗީ މަރުވުމަށް ފަހު މޮނާ ލިސާ ކުރެހުނު ލިބިފައި ވަނީ އޭރުގެ ފަރަންސޭސިވިލާތުގެ ރަސްގެފާނަށެވެ. މިކުރެހުން މިހާރު ހުރީ އާއްމުކޮށް ފެންނާނެ ގޮތަށް ފަރަންސޭސިވިލާތުގެ ޕެރިހުގައި ހުންނަ ލޫވް މިއުޒިއަމްގައި ބަހައްޓާފަ އެވެ.