10 Aug 2013, 11:24
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން އެ ޕާޓީގެ ފަރާތުން "ހައުސް ކޯލް"ގެ ނަމުގައި ދޮރުން ދޮރަށް ކެމްޕޭނެއް މިއަދު ފައްޓައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްކޮންފަރެންސެއްގައި ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަދި ޕީޕީއެމްގެ ފަރާތުން މާލޭގެ ކެމްޕޭންއާ ހަވާލުވެގެން ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، އަހުމަދު މަހްލޫފު ވިދާޅުވީ "ހައުސް ކޯލް"ގެ ނަމުގައި މިއަދު މާލޭގައި ދޮރުން ދޮރަށް ކެމްޕޭނެއް ފައްޓަން ހަމަޖެހިފައިވާ ކަމަށާއި އެ ކެމްޕޭން މިއަދުން ފެށިގެން މިއަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމަ އަށް ކުރިއަށް ދާނެ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ޕީޕީއެމްގެ ފަރާތުން މިދިޔަ ދުވަސްކޮޅުގެ ތެރޭގައި ތަފާތު ގޮތްތަކަށް ރައްޔިތުންގެ ހިޔާލުހޯދާ ރާއްޖޭގެ ސިޔާސީ މަސްރަހު ބެހިފައި އޮތީ ކިހިނެއްކަން ބަލާފައިވާ ކަމަށާއި އެގޮތުން އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވި އެމްޑީޕީ އަށް އެންމެ ގިނަވެގެން ވެސް ލިބޭނީ 35 ޕަސެންޓް ވޯޓް ކަމަށެވެ.
"މި ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް އެންމެ ގިނަވެގެން ވެސް ލިބޭނީ 35 ޕަސެންޓް ނޫނީ 37 ޕަސެންޓްގެ ވޯޓް. އެއީ ގާތްގަނޑަކަށް ހަތްދިހަ ހާހާއި އަށްޑިހަ ހާހާ ދެމެދުގެ ވޯޓްގެ ވާހަކަ. އެއީ އެންމެ ގިނަވެގެން،" މަހްލޫފް ވިދާޅުވި އެވެ.
އަދި މިއޮތް ހުރިހާ ދުވަހު އެމްޑީޕީގެ ފަރާތުން ކެމްޕޭނަށް ވަރަށް މަސައްކަތްކޮށްފައިވާ ކަމަށާއި މިހާރު އެޕާޓީގެ ފަރާތުން ރާއްޖޭގައި ކުރާނެ ކެމްޕޭނެއް ނެތްކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ރަށްރަށުގައި އެމްޑީޕީ އަށް އޮތް ސަޕޯޓް ދަށްވެ، އެމްޑީޕީގެ ސަޕޯޓަރުން ޕީޕީއެމްއާ ގުޅިގެންދާ ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުތުރުގެ ހަތަރު އަތޮޅަކަށް ދަތުރުފުޅެއް ފައްޓަވާފައިވާ އިރު ޕީޕީއެމްގެ ޒުވާނުންގެ ގޮފިން އިސްނަގައިގެން "ޒުވާނުންގެ ބޮޑު ދަތުރު"ގެ ނަމުގައި މުޅި ރާއްޖޭގައި ދަތުރެއް ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.