10 Aug 2013, 11:16
ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމާއި އަވައްޓެރި ސްރީލަންކާގެ އެވަންޓް ބާސްކެޓްބޯލް ކްލަބް، މިރޭ ރަހްމަތްތެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ)އިން ބުނީ، އެ އެސޯސިއޭޝަންގެ ދައުވަތަކަށް ރާއްޖެއައިސް އުޅޭ ލަންކާގެ ފުރަތަމަ ޑިވިޝަންގެ އެންމެ ވަރުގަދަ އެއް ބާސްކެޓްބޯޅަ ޓީމް ކަމަށްވާ އެވެންޓްއާއި އެކު ރަހްމަތްތެރި ކަމުގެ މެޗެއް ކުޅެން ނިންމީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އިތުރު ތަޖްރިބާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
އެވެންޓް ކްލަބްގައި ލަންކާގެ މޮޅެތި މޮޅެތި ބާސްކެޓްބޯޅަ ކުޅުންތެރިންގެ އިތުރުން ޔޫރަޕްގެ ހަތަރު ކުޅުންތެރިން ވެސް ހިމެނެ އެވެ.
ގައުމީ ޓީމާއި ލަންކާގެ އެވެންޓް ބީސީ ބައްދަލު ކުރާ މެޗު ކުޅެން ހަމަޖެހިފައިވަނީ، މިރޭ 9:00ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގަ އެވެ. މެޗު ބަލަން ހިލޭ ވަދެވޭނެ ކަމަށް އެމްބީއޭއިން ބުންޏެވެ.