10 Aug 2013, 11:03
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވުމަށް ތައްޔާރުމަވުން އަންނަ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް އެ ގައުމަށް ހޫނު މޫސުމާ ދިމާކޮށް ބޭއްވޭނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިނގިރޭސި ވިލާތުގެ ފުޓްބޯލް އެސޯސިއޭޝަން (އެފްއޭ)ގެ ޗެއާމަން ގްރެގް ޑައިކް ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު އެފްއޭގެ ޗެއާމަންކަމާ ހަލުވެވަޑައިގަތް ޑައިކް ވިދާޅުވީ، އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ހޫނު ގަދަވުމުގެ ސަބަބުން ވޯލްޑްކަޕް 2022 ގަތަރުގައި ބޭއްވުމަކީ އުނދަގޫ ކަމަކަށް ވާނެކަމާއި އެހެން ކަމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެންމެގާތީ މުބާރާތް ފިނިމޫސުމަށް ބަދަލު ކުރުން ކަމަށެވެ.
"މުބާރާތް ކުޅޭ ހުރިހާ ދަނޑުތަކުގައި އެއަކޮންޑިޝަން ހުރިކަމުގައިވީ ނަމަވެސް އަހަރެން ގަބޫލުކުރާ ގޮތުގައި ސަޕޯޓަރުންނަށް އެ ހޫނުގައި ކެތެއް ނުކުރެވޭނެ،" ޑައިކް ވިދާޅުވި އެވެ.
މުބާރާތުގެ ތާރީހު ފިނިމޫސުމާ ދިމާ ކުރާނަމަ އެކަމާ އެންމެ ބޮޑަށް ހިތްހަމަ ނުޖެހޭނީ، ޕްރިމިއާ ލީގާއި ޔޫރަޕްގެ އެހެނިހެމް ގައުމުތަކެވެ.
"އަހަންނަށް އެނގޭ މުބާރާތް ބާއްވާ ތާރީހު ބަދަލުކުރަން ޕްރިމިއާ ލީގުން ބޭނުން ނުވާކަން. އަދި އަހަރެން އެމީހުންނަށް ހަމްދަރުދީވެސް ވަން،" ޑައިކް ވިދާޅުވި އެވެ. "ހޫނު މޫސުމާ ދިމާކޮށް ގަތަރުގައި މުބާރާތް ބާއްވަން ނިންމި ނިންމުމަކީ ގޯހެއް. އެކަމަކު މުބާރާތް މިހާރު ދިމާއެވަނީ ހޫނު މޫސުމާ. ދެން އޮތް ގޮތަކީ ތާރީހު ބަދަލު ކުރުން ނުވަތަ މުބާރާތް ބާއްވާ ގައުމު ބަދަލު ކުރުން."
ގަތަރުގައި 2022 ވަނަ އަހަރުގެ ވޯލްޑްކަޕް ކުޅެން ހަމަޖެހިފައިވާ ދުވަސްވަރު އެގައުމުގެ ހޫނުމިން 50 ޑިގްރީއަށް އަރާނެކަމަށް ބެލެވެ އެވެ. އެހެން ކަމުން މުބާރާތް އެދުވަސްވަރު ބޭއްވުމަކީ ވުމައްވުރެ ނުވުން ގާތްކަމެއް ކަމަށް ޑައިކް ވިދާޅުވި އެވެ.
ގަތަރުގެ ވޯލްޑްކަޕް އިންތިޒާމް ކޮމެޓީން ބުނީ، އެ ގައުމު އޮތީ ހޫނުމުސުމުގައިވެސް އަދި ފިނި މޫސުމުގައި ނަމަވެސް މުބާރާތް ބާއްވަން ފުރިހަމަ އަށް ތައްޔާރު ވެގެން ކަމަށެވެ.
"އަހަރެމެން މިތިބީ ތައްޔާރަށް ހޫނުމޫސުމުގައި ވިޔަސް އަދި ފިނިމޫސުމުގައި ވިޔަސް މުބާރާތް ބާއްވަން. އަދި ފެށުނީއްސުރެންވެސް އެކަންތައް އިންޓަނޭޝަނަލް ފުޓްބޯޅަ ކޮމިއުނިޓީއާ ހިއްސާކުރަމުން މިގެންދަނީ،" ގަތަރު ވޯލްޑްކަޕް އިންތިޒާމް ކޮމެޓީން ބުންޏެވެ. "2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތާރީހަށް ބަދަލެއް ގެނަޔަސް އަހަރުމެން އިންފްރާ ސްޓްރަކްޗާއަކަށް އެއްވެސް ބަދަލެއް ގެންނާކަށް ނުޖެހޭނެ."
ފީފާގެ ރައީސް ސެޕް ބްލެޓާ ކުރިން ވިދާޅުވެފައިވަނީ، ހޫނު މޫސުމާދިމާކޮށް ގަތަރުގައި މުބާރާތް ބޭއްވުމަކީ މައްސަލައެއްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
ޖަޕާނާއި، ސައުތުކޮރެއާއާއި އެމެރިކާ އަދި އޮސްޓްރޭލިޔާއާ ވާދަކޮށް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ބިޑް ގަތަރުން ކާމިޔާބުކުރީ، 2010 ވަނަ އަހަރު އެވެ.