އިސްލާމްދީނަކީ ގައުމެއް ކަމަށް ހީކޮށް އިންޓަވިއުއެއްގައި ވާހަކަ ދެއްކި އޮސްޓްރޭލިޔާގެ އާއްމު އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއް ކަމަށްވާ ސްޓެފަނީ ބެނިސްޓާ އިންތިހާބުން ވަކިވެއްޖެ އެވެ.

އިސްލާމްދީނަކީ ގައުމެއް ކަމަށް ބުނެ ސްޓެފަނީ ބެނިސްޓާ އިންޓަވިއުއެއްގައި ވާހަކަ ދެއްކުމާ ގުޅިގެން އޮސްޓްރޭލިޔާގެ ގިނަ ބަޔަކު ވަނީ ސްޓެފަނީ އަށް ފާޑުކިޔައިފަ އެވެ.

އޮސްޓްރޭލިޔާގެ ކުއީންސްލޭންޑުގެ ގޮޑިއަކަށް ވާދަކުރި ސްޓެފަނީ އޮސްޓްރޭލިޔާގެ ސެވަން ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ގައުމެއްގެ ގޮތުގައި އިސްލާމްދީނާ ދެކޮޅެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެގައުމުގެ (އިސްލާމްދީނުގެ) ގާނޫނުތައް އޮސްޓްރޭލިޔާގައި ތަންފީޒުކުރަން އުޅެގެން ނުވާނެ ކަމަށް ސްޓެފަނީ ބުނެފައިވާ ކަމަށް ބީބީސީ އިން ބުނެ އެވެ.

މީގެ އިތުރުން އެ އިންޓަވިއުގައި ސްޓެފަނީ ވަނީ "ހަރާމް" އަދި "ގުރުއާން" މިދެބަސް އޮޅުވާލާފަ އެވެ. އިސްލާމުންގެ ފޮތަކީ "ހަރާމް" ކަމަށް ސްޓެފަނީ އިންޓަވިއުގައި ބުނެ އެވެ.

އަދި ޔަހޫދީންނަކީ އީސާގެފާނަށް އަޅުކަން ކުރާ ބައެއްގެ ގޮތުގައި ސްޓެފަނީ ސިފަކުރި އެވެ. (އީސާގެފާނަށް އަޅުކަން ކުރަނީ ނަސާރާއިންނެވެ.)

ސެވަން ނިއުސް އަށް ސްޓެފަނީ ދިން އިންޓަވިއު ޓީވީ އިން ދެއްކުމާ އެކު ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ސްޓެފަނީ އަށް ފާޑުކިޔައި މި ވީޑިއޯ އާއްމުކޮށްފަ އެވެ.

އިންތިހާބުން ވަކިވިކަން ސްޓެފަނީ އިއުލާންކޮށްފައި ވަނީ މިއަދު އެވެ.

ބީބީސީި އން ބުނީ އޮސްޓްރޭލިޔާގައި ސްޓެފަނީ މަޝްހޫރުކަން ހޯދީ ސުޕަމާކެޓަކަށް ވަދެ، އެތާނގައި ވިއްކަން ހުރި ހަލާލު ކާނާގައި "ހަލާލު ކާނާއަކީ ޓެރެރިޒަމް ފައިސާ ހޯދައިދޭ" އެއްޗެއް ކަމަށް ދޭހަވާ ސްޓިކާތަކެއް ހިއްޕުމާ ގުޅިގެން ފުލުހުން ސްޓެފަނީ ހައްޔަރުކުރުމުން ނެވެ.

މިމައްސަލާގައި ސްޓެފަނީގެ މައްޗަށް އޮސްޓްރޭލިޔާ އިން ވަނީ ކާބޯތަކެތިން ކޮންޓެމިނޭޓްކުރުމުގެ ދައުވާއެއް ކޮށްފަ އެވެ.

ބީބީސީ އިން ބުނީ ސްޓެފަނީގެ ސިޔާސީ ހަޔާތް އޭނާ ނިންމާލާފައި ވަނީ ސިޔާސީ ދާއިރާއަށް ނުކުތްތާ 48 ގަޑިއިރު ވެސް ހަމަނުވަނީސް ކަމަށެވެ.