10 Aug 2013, 10:37
ހުސްވެފައިވާ ހޯމް މިނިސްޓަރު ކަމުގެ މަގާމަށް އިންތިހާބުގެ ކުރިން ބޭފުޅަކު އައްޔަން ކުރެވިދާނެހެން ހީފުޅު ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. ވަހީދު އިއްޔެ ވިދާޅުވީ ހުސްވެފައިވާ ހޯމް މިނިސްޓަރު ކަމަށް ބޭފުޅަކު އައްޔަން ނުކުރައްވައި މިހާތަނަށް ވެސް މަޑުކުރެއްވީ އެ މަގާމަށް ގާބިލު ބޭފުޅަކު ހަމަޖެއްސުމަށް ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ އެންމެ އިސް ފަރާތް، ހޯމް މިނިސްޓަރު އިންތިހާބުގެ ކުރިން އައްޔަން ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހްމަދު މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ވަކި ކުރެއްވުމަށް ފަހު އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވަނީ ފިޝަރީޒް މިނިސްޓަރު ޑރ. އަހްމަދު ޝަފީއު އެވެ. ރައީސް ވިދާޅުވެފައި ވަނީ ހޯމް މިނިސްޓްރީ މިހާރު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ އެ މިނިސްޓްރީ ހިންގެވުމަށް ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.