10 Aug 2013, 10:26
ފްރާންސް ލީގު ހުޅުވި މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާއި މޮންޓްޕެލިއޭ ވާދަކުރި ފޯރިގަދަ މެޗު 1-1 އިން ދެޓީމު އެއްވަރު ވެއްޖެ އެވެ.
ފްރާންސް ގައުމީ ޓީމުގެ ކުރީގެ ކޯޗް ލޮރެންޓް ބްލަންކްގެ ކޯޗުކަމުގައި ލީގު ޗެމްޕިއަން ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ހާފްގެ 10 ވަނަ މިނިޓުގައި މޮންޓްޕެލިއޭއަށް ކުރިހޯދައިދިނީ ރެމީ ކަބެއްލާއެވެ. ޕީއެސްޖީއަށް މެޗު އެއްވަރުކޮށްދިން ލަނޑު 60 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ، ލެފްޓްބެކް މެކްސްވެލް އެވެ.
ރެކޯޑް އަގެއްގައި ނަޕޯލީއިން ޕީއެސްޖީއަށް މިފަހަރު ގެންދިޔަ އުރުގުއޭ ފޯވަޑް އެޑިންސަން ކަވާނީ ރޭގެ މެޗު ފެށީ ބެންޗުންނެވެ. 55 މިލިއަން ޕައުންޑުގެ ފޯވަޑް މެޗުގެ 72 ވަނަ މިނިޓްގައި ކުޅެން ނުކުމެ އޭނާގެފައިގައި ފުރަތަމަ ޖެހުނު ބޯޅަވެސް ގޯލްގެ ތެރެއަށް ފޮނުވާނުލީ ހަމަ ކިރިޔާއެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލްކުރިމަތިން ދިފާއުކުރީ، މޮންޓްޕެލިއޭގެ ޑިފެންޑަރު ސިއާކާ ޓިއެނީ އެވެ.
މޮންޓްޕެލިއޭގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފަހު 18 މިނިޓް އެ ޓީމުން ކުޅުނީ 10 ކުޅުންތެރިންނާ އެކުގަ އެވެ. މެޗު ނިމެން 88 މިނިޓްގައި އެ ޓީމުގެ ޑިފެންޑަރު އަބްދުލްހަމީދު ކައުސަރީއަށް ދެ ރީނދޫ ކާޑުހަމަވެ ރަތްކާޑެއް ދައްކައި ވަނީ ދަނޑުން ފޮނުވާލާފަ އެވެ.