12 Nov 2010, 12:54
ރައީސުލް ޖުމްހުރިއްޔާ މުހައްމަދު ނަޝީދަށް ވެރިކަން ހޯއްދަވައި ދެއްވުމަށް ދުވަހަކު ވެސް މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅު ވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން އިސް ނަގައިގެން ޖުމްހޫރީ ދުވަހުގެމުނާސަބަތުގައި އިދިކޮޅު ހުރިހާ ޕާޓީއެއް ގުޅިގެން ނަސަންދުރަ ހޮޓެލްގައި ރޭ ބޭއްވި ޖަލްސާ ޝަރަފްވެރި ކޮށްދެއްވަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދާ ވާދަކުރެއްވި ޑރ. މުނައްވަރު ވިދާޅުވީ، އަބަދުވެސް އޭނާ މަސައްކަތް ކުރައްވާފައިވާނީ ރައީސް ނަޝީދު ވެރިކަމާ ފޭއަށް ޖެއްސެވުމަށް ކަމަށެވެ.
"އަޅުގަނޑު ލަދެއްނނުގަނޭ ބުނާކަށް، އަޅުގަނޑު ވާނީ ކެނެރީގޭ މުހައްމަދު ނަޝީދު ދިވެހި ރާއްޖޭގެ ވެރިކަމާ ގާތްވިޔަ ނުދޭން މަސައްކަތްކުރި މީހަކަށް. އަޅުގަނޑަކީ ދުވަހަކުވެސް ނަޝީދަށް ވެރިކަން ހޯދައިދޭން އިނގިއްޔެއް ވެސް އުފުލި މީހެއް ނޫން. އަޅުގަނޑު މަސައްކަތްކުރީ ދިވެހި ރާއްޖޭގެ ވެރިކަމާ އޭނައަށް ގާތް ނުވެވޭތޯ ބެލުމަށް. ދެން މިހާރު އެހިސާބަށް އާދެވުނީ އަޅުގަނޑުގެ ބާރަކުންނެއް ނޫން. ނަމަވެސް އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ބަސް ދިވެހި ރައްޔިތުންނަށް ފޯރުކޮށް ނުދެވުނީހެން"
ގައުމުގެ ޖުމްހޫރިއްޔަތަށް ބައްލަވައި ލައްވައި، ޑރ. މުނައްވަރު ވިދާޅުވީ، ޖުމްހޫރިއްޔަތަށް 42 އަހަރު ވެގެންދާއިރު އެންމެ ދެރަ ކަމަކީ، ގައުމުގެ ވެރިކަން ހަގީގަތުގައި ނެތުން ކަމަށެވެ. އަދި މިވެނި ބޭފުޅަކު ރާއްޖޭގެ ވެރިކަމުގައި ހުންނެވިކަމަށާއި، ވެރިކަން ކުރައްވާކަމަށް ބައެއް ބޭފުޅުން ވިދާޅުވި ނަމަވެސް ހަގީގަތަކީ ވެރިކަން ކުރެވިދާނެތޯ ބެލުމަށް ބަޔަލު އެކަމުގައި ތިބުން ކަމަށް ވެސް ޑރ. މނައްވަރު ވިދާޅުވި އެވެ.
"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، މިވެނި ބޭފުޅަކު ވެރިކަން ކުރައްވަނިއްޔޭ. ނަމަވެސް އެއީ ގޯހެއް. ހަގީގަތަކީ، ވެރިކަމުގައި އެއްވެސް މީހަކު ވެސް ނެތީ ސަރުކާރެއް ވެސް ނެތީ. ދެން ގައުމެއް ކަމަށްވާތީ ފަހަރެއްގައި ބަޔަލު ތިބެދާނެ ވެރިކަމުގެ ކަންތައް ކުރެވިދާނެތޯ ބެލުމަށް. ނަމަވެސް އެބަޔަކަށް ނުކުރެވޭނެ ކަމެއް ކުރެވިދާނެކަމަށް ބެލުމަކީ ވެސް ގޯހެއް"
ސަރުކާރުގެ ޕްރައިވެޓައިޒޭޝަން ސިޔާސަތުގެ ދަށުން ބައެއް ތަންތަން ބޭރުގެ ފަރާތްތަކާ ހަވާލު ކުރަމުންދާ މައްސަލައަށް އަލިއަޅުވައި، ޑރ. މުނައްވަރު ވިދާޅުވީ، އެއާޕޯޓާއި ހޮސްޕިޓަލާއި، ތައުލީމީ ނިޒާމާއި އެހެނިހެން ތަންތަން ބޭރުގެ ފަރާތްތަކަށް ދޫކުރަމުން ގެންދަނީ އެ ތަންތަން ހިންގުމުގެ ގާބިލްކަން ސަރުކާރުގައި ނެތުމުން ކަމަށެވެ. އަދި ގައުމުގެ ހާލަތު މިހާ ހިސާބަށް ގޮސް ގައުމު ގެއްލިގެންދާނެ ކަމުގެ ބިރު ހީވާތީ، ކަންކަން ނުކުރެވޭ ހާލަތުގައި ގައުމުގެ ތަންތަން ބޭރުގެ ފަރާތްތަކާ ހަވާލު ކުރުމަށްވުރެ ބުއްދިވެރި ގޮތަކީ، އެތަންތަން ދިވެހި ރައްޔިތުންނާ ހަވާލު ކުރުން ކަމަށް ވިދާޅުވެ އެކަމަށް ގޮވައި ލެއްވި އެވެ.
"މި ބޭފުޅުން އެއާޕޯޓް ހިންގަވަން މަސައްކަތް ކުރައްވައިފިނަމަ ދެން ކިހިނެއްތޯ ވާނީ. އެއީ އަޅުގަނޑުމެންގެ ދޮރާށި. އެތަން ބަންދު ވެސް ވެދާނެ. ގާބިލް ބަޔަކަށް ނޫނީ އެވަރުކަމެއް ނުކުރެވޭނެ. އެއްގޮތަކުން އެކަން ކުރެވޭވަރުގެ ގާބިލްކަން ނެތީމަ އެކަން ކުރެވޭވަރުގެ ބަޔަކު ހޯދަން އުޅުމަކީވެސް މުޅިއަކުން ގޯހެއް ނޫން. އެއީ ތިމާމެންގެ އެއާޕޯޓް ހިންގަން އުޅެގެން އެތާ ބޯޓު ނުޖެއްސޭގޮތް ވެއްޖެއްޔާ މާ ދެރަވާނެ. ހޮސްޕިޓަލް ހިންގުމުގެ ގާބިލްކަން ނެތިއްޔާ އެވަރު ގާބިލްކަންހުރި ބަޔަކު ހޯދައިގެން އެތަން ދޭން ޖެހޭނީ. އެއާޕޯޓް ހިންގާނެ ގާބިލްކަން ނެތިއްޔާ އެވެސް ޖެހޭނީ ބަޔަކާ ހަވާލުކުރަން. ތައުލީމީ ނިޒާމް ވެސް. މިހުރިހާ ތަނެއްވެސް ހަދަންޖެހޭނީ އެހެން. ގައުމުގެ އެފަދަ ތަންތަން ބޭރުގެ ފަރާތްތަކާ ހަވާލު ކުރާނެ ކަމެއްނެތް. އެއާޕޯޓް ވެސް ހޮސްޕިޓަލް ވެސް ތައުލީމީ ނިޒާމު ވެސް އަދި އެހެން ކަންކަން ވެސް ނުކުރެވޭ ކަމަށްވަންޏާ ތިޔަ ކަންތައް އެންމެ ބުއްދިވެރި، ރަނގަޅު ގޮތަކީ ދިވެހި ރައްޔިތުންނާ ހަވާލު ކުރުން. އެއީ ހިންގާ ނަމުގެ އެޅިގެން ކޮންމެހެން ހިންގަން ތިބީމަ ވާގޮތަކީ ހައްތަހާ ގޯސްވަނީ. ގައުމުގެ ގެއްލިގެންދާނެ ކަމުގެ ބިރު ހީވަނީ."
ރައީސް ނަޝީދު ކުރައްވާ ވާއުދުތަކަކީ ފުއްދަވަމުން ގެންދަވާ ވައުދުތަކެއް ނޫންކަން ފާހަގަ ކުރައްވައި ޑރ. މުނައްވަރު ވިދާޅުވީ، ރައީސް ނަޝީދު، މިވެނިކަމެއް ނުކުރާނަމޭ ވިދާޅުވެއްޖެނަމަ އެކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށެވެ. އަދި މިހާތަނަށް ރައީސް ނަޝީދު ނުކުރައްވާނެކަމަށް ވިދާޅުވި ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ދިވެހި ޖުމްހޫރިއްޔަތަށް 42 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ތިމަންނަގެ ދަރިފަސްކޮޅަށް މި ވެރިކަން ދަމަހައްޓާން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވުމަކީ ކަންބޮޑުވާން ޖެހޭކަމެއް ކަމަށްވެސް ޑރ.މުނައްވަރު ވިދާޅުވި އެވެ.
"ރައީސް ނަޝީދަކީ ނުކުރައްވާނެ ކަމަށް ވިދާޅުވެއްޖެނަމަ އެކަމެއް ކުރައްވާ ބޭފުޅެއް. މިއަދު ކޮންމެސް އިރެއްގައި ނަޝީދު ވިދާޅުވަނީ، ތިމަންނަގެ ދަރިފަސް ކޮޅަކަށް މިވެރިކަން ދަމަހައްޓަ ދޭކަށް ތިމަންނަ ނެތީމޭ. ދިވެހި ޖުމްހޫރިއްޔަތަށް މިހާ ދުވަސްވީއިރު، ރައީސް ނާސިރުގެ ވެރިކަމާއި، ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް، ތިމަންނަމެން މިއުޅެނީ ވިރާސީ ވެރިކަމެއް ކުރާކަށް ނޫނޭ ވިދާޅުވާކަށް އެބޭފުޅުންނަކަށް ޖެހިވަޑައެއް ނުގަންނަވާ. އަދި ވެރިކަން ތިމަންމަ މެންގެ އާއިލާއަށް ނަގުލުކޮށްދޭނަމޭ ވިދާޅުވާކަށް އެބޭފުޅުންގެ ހިތްޕުޅަކަށް ނޭރި. ނަމަވެސް ޖުމްހޫރިއްޔަތަށް 42 އަހަރު ފުރޭއިރު ރައީސް ނަޝީދުގެ ހިތްޕުޅަށް އެހެން އެރުމަކީ ވަރަށް ބޮޑު މައްސަލައެއް. އޭނާ ނުކުރައްވާނެ ކަމަށް ވިދާޅުވީމާ އެއުޅުއްވަނީ އެކަން ކުރައްވަން. ނަމަވެސް ނަޝީދަށް އޮޅިވަޑައިގަންނަވާ ކަމަކީ ދިވެހި ރައްޔިތުން އެ ފުރުސަތެއް ނަޝީދަކަށް ނުދެއްވާނެ. އެކަން ނުވާނެކަމުގެ ވަރަށް ފުރިހަމަ ޔަގީންކަމެއް އެބައޮތް. އަޅުގަޑުމެން މި ޖުމްހޫރިއްޔާ ނަގަހައްޓާނަން. އަޅުގަނޑުމެން ދިރިތިބިހާ ދުވަހަކު މި ޖުމްހޫރިއްޔާ އޮންނާނީ ޖުމްހޫރިއްޔަތުގެ ގޮތުގައި"
ޑރ. މުނައްވަރު އަދި ވިދާޅުވީ، ރައީސް ނަޝީދު އެމަނިކުފާނަށް އިތުބާރު ކުރައްވާށޭ ވިދާޅުވާއިރު އެމަނިކުފާނަށް އިތުބާރުކުރި މީހުންނާއި އިތުބާރު ކުރައްވަން އުޅުއްވި މީހުންނަށް އެކަމުގެ ހިތިކަން މިހާރު ވެސް ފެނިގެންދާނެ ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުން ރައީސް ނަޝީދަށް އިތުބާރު ނުކުރާނެ ކަމަށާއި، އެ މަނިކުފާނަކީ އިތުބާރުކުރަން ހެޔޮވާވަރުގެ ބޭފުޅެއްނޫން ކަމަށް ވެސް ޑރ. މުނައްވަރު ވިދާޅުވި އެވެ. އަދި ރައީސް ނަޝީދުގެ އެންމެ ބޮޑު ގާބިލް ކަމަކީ އިންސާނާގެ ކިބައިގައި ހުންނަ ދަހިވެތިކަން ދެނެގަނެ އެ ދަހިވެތިކަމަށް ކޭޓާ ކުރެއްވުން ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ
"މަގާމެއް ބޭނުން ކުއްޖަކުވެއްޖިއްޔާ އެނގިވަޑައިގެން އެ މަގާމެއް ދެއްވާނެ. ފައިސާ ފޮއްޗެއް ބޭނުންވާ ކުއްޖަކުނަމަ އެނގިވަޑައިގެން އެ ދެއްވާނެ. އެންމެ އަރިހުގައި ހުންނަހިތްވާ މީހަކުވެސް އޭނައަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ މައްސަލައަކީ އަޅުގަނޑުމެން ދަހިވެތި ކުރެވޭކަށް، ފިލި ޖެހޭކަހަލަ އެއްޗެއް އެމަނިކުފާނު (ރައީސް ނަޝީދު)ގެ އަތްޕުޅަކުނެތް ނުވެސް އޮންނާނެ. ދެން އެކަމަށް ޓަކައި ރައްޓެހިން ލައްވާ އެސްއެމްއެސް ފޮނުއްވަންޏާ އެއީދެން ރަނގަޅުކަމެއް އެއީ މައްސަލައެއްނޫން"
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދިވެހި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ ހިދުމަތްތަކަށް ބައްލަވައިލައްވައި، ޑރ. މުނައްވަރު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ދިރިއުޅުމަށް އަސަރު ފޯރުވޭގޮތަށް ހިދުމަތް ކުރެވެނީ ކާކަށްތޯ ބަލާއިރު ގާސިމް އިބްރާހިމް ފަދަ ބޭފުޅެއް ދިވެހި ގައުމަކު މިވަގުތަކުނެތް ކަމަށެވެ. އެހެންކަމުން ގާސިމް އިބްރާހިމަކީ އެންމެ އަގުހުރި ދިވެހި ރައްޔިތާ ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.