އެމްޓީސީސީ އިން ހަދާ ބަނދަރުތަކުގައި ބޭނުންކުރުމަށް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ބޮޑުހިލައިގެ ސްޓޮކެއް ގެނައުމަށް ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގެ އޮފިޝަލަކު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އެކުންފުނިން ބޮޑުހިލާގެ ބޮޑު ސުޓޮކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިފަހަރުގެ ސުޓޮކް ގެނައުމަށް ނިންމާފައި ވަނީ މެލޭޝިއާ އާއި ކެމްބޯޑީއާގެ އިތުރުން ދުބާއީން ކަމަށް ވިދާޅުވި އެވެ.

އެމްޓިސީސީ އިން ބޮޑު ހިލާގެ ސްޓޮކެއް ގެނައުމަށް ނިންމާފައިވާ އިރު އެކުންފުނީގެ ސީއީއޯ އަހްމަދު ޑރ. އަދުހަމް އަބްދުﷲ މީގެކުރިން ވިދާޅުވެފައި ވަނީ އެ ކުންފުނީގެ އެންމެ ބޮޑު ވިޔަފާރިއަކަށްވެފައި ވަނީ ބަނދަރު ހެދުމުގެ މަސައްކަތް ކަމަށާއި އެހެންގައުމުން ގެންނަ ރޯ މެޓީރިއަލް އަށް ބަރޯސާވުން ދޫކޮށްލަން ޖެހޭ ކަމަށެވެ. އެގޮތުން ހަދާ ބަނދަރުތަކުގައި ބޮޑު ހިލައިގެ ބަދަލުގައި އެހެން ޓެކްނޮލޮޖީއެއް ބޭނުންކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީ އަށް މި އަހަރުގެ ދެ ވަނަ ކުއާޓާގައި 4.6 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ އިރު އެމްޓީސީސީ އިން ބުނީ އެ ކުންފުންޏަށް ގެއްލުންވުމުގެ މައިގަނޑު ސަބަބަކީ ބޮޑު ހިލަ ނުލިބުމުގެ ދަތިކަން ދިމާވުން ކަމަށެވެ.