ޖަރުމަނު ލީގު ހުޅުވި މެޗުގައި ރޭ ބޮރޫޝިއާ މޮންޗެންގްލެޑްބާޗްއާ ވާދަކޮށް 3-1 އިން މޮޅުވެ ބަޔާން މިޔުނިކް ލީގު ފެށުން ރަނގަޅުކޮށްފި އެވެ.

ބާސާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޮލާގެ ކޯޗުކަމުގައި ބަޔާން ކުޅުނު ފުރަތަމަ ލީގު މެޗުގައި އެޓީމު ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އާރްޔަން ރޮބޭން އެވެ. އަދި އޭގެ ހަތަރު މިނިޓުފަހުން ބަޔާންގެ ކްރޮއޭޝިއަން ފޯވަޑް މާރިއޯ މަންޒުކިޗްވަނީ ލަނޑެއް ކާމިޔާބުކޮށް ބަޔާންއަށް 2-0 ނަތީޖާ ފުޅާކޮށްދީފަ އެވެ.

އެލިއެންޒް އެރީނާގައި ކުޅުނުމެޗުގައި މެހެމާނުންގެ ޓީމަށް ކުޑައުއްމީދެއް ލިބިގެން ދިޔައީ މެޗުގެ 40 ވަނަ މިނިޓުގައި ބަޔާންގެ ޑިފެންޑަރު ޑެންޓޭ އަތުން ބައިކޮށްޅަށް ލަނޑެއް ވަނުމުންނެވެ.

ބަޔާންއަށް މެޗުގެ 68 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއެއް ތޯމަސް މުލާ ވަނީ ބޭކާރުކޮށްލާފަ އެވެ. އެހެން ނަމަވެސް އޭގެ މިނިޓެއް ފަހުން ލިބުނު އިތުރު ޕެނަލްޓީއަކުން ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އޮސްޓްރިއަށް ލެފްޓްބެކް ޑޭވިޑް އަލްބާ އެވެ.

ޔުޕް ހެއިންކެސްގެ ކޯޗުކަމުގައި މިދިޔަ ސީޒަންގައި ޖަރުމަނު ލީގު 25 ޕޮއިންޓުގެ ތަފާތުން ކާމިޔާބުކުރި ބަޔާން ވަނީ ޖަރުމަނުގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެއް ސީޒަނެއްގައި ފުރަތަމަ ފަހަރަށް ބުންޑެސް ލީގާ، ޗެމްޕިއަންސް ލީގު އަދި ޖަރުމަން ކަޕް ކާމިޔާބުކުރި ހަމަ އެކަނި ޓީމުގެ ޝަރަފް ހޯދާފަ އެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމަށް އަލަށް ގެނައި، މާރިއޯ ގޮޓްޒާއާއި ތިއާގޯ އަލްކަންޓްރާ އަނިޔާގެ ސަބަބުން ޓީމު ލިސްޓްގައި ހިމަނާފައެއް ނުވެއެވެ.