ޤާހިރާ (އޮގަސްޓް 10): މިސްރަށް ޙަމަލާ ދިނުމުގެ ފުރުސަތު އިސްރާއީލަށް ދެއްވީ މިސްރުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ ކަމަށާއި އެކަން އޭނާ ކުރެއްވީ މިސްރުގައި މިހާރު އުފައްދާފައިވާ ވަގުތީ ސަރުކާރަށް އެމެރިކާގައި ބާރުގަދަ ޔަހޫދީ ޒަޔަނިސްޓް ލޮބީ ޖަމާއަތްތަކުގެ ތާއީދު ހޯދުމުގެ މަޤްސަދްގައި ކަމަށް އިސްރާއީލުގެ މީޑިޔާ ބުނެފި އެވެ.

އިސްރާއީލުގެ މީޑިޔާ ބުނީޑްރޯން މަތިންދާބޯޓު ބޭނުންކޮށްގެން މިސްރުގެ ސީނާއަށް ހަމަލާދީ ފަސް މީހުން މަރާލީ އިސްރާއީލުން ކަމަށާ މިއީ މިސްރުގެ ހުއްދައާ އެކު ދިން ޙަމަލާތަކެއް ކަމުގަ އެވެ. މިކަން އިސްރާއީލުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ކަށަވަރުކޮށްދިން ނަމަވެސް އިސްރާއީލުން މިސްރަށް ޙަމަލާނުދޭކަމަށް ބުނެ މިސްރުގެ ސިފައިން އިއްޔެ ވަނީ އެކަން ދޮގުކޮށްފަ އެވެ.

މިސްރު ސިފައިންގެ ތަރްޖަމާން ކާނަލް އަޙްމަދު މުޙައްމަދު ވިދާޅުވީ އިސްރާއީލުން މިސްރުގެ ސީނާއަށް ޙަމަލާދިން ކަމަށްބުނެ ފެތުރިފައިވާ ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަމަށާ މިފަދަ ކަމެއް ހިނގާފައިނުވާ ކަމުގަ އެވެ. އިސްރާއީލުން ޙަމަލާދިނީ ސީނާއިން އިސްރާއީލަށް ފިދާއީ ޙަމަލާތައް ދިނުމަށް މަސައްކަތްކުރި ހަނގުރާމަވެރިންގެ ބަޔަކަށް ކަމަށާ މިޙަމަލާގައި އޭގެތެރެއިން ފަސް މީހުން މަރުވެފައިވާ ކަމަށް ނަން ހާމަކުރަންނޭދޭ މިސްރުގެ ބައެއް މަސްއޫލުވެރިން ވެސް މިސްރުގެ މީޑިޔާއަށް މަޢްލޫމާތު ދެއްވާފައިވެ އެވެ. އިސްރާއީލުގެ ސިފައިން މިޙަމަލާތަކާބެހޭ ގޮތުން ވަކިއެއްޗެއް ނުބުނެ އެވެ.

މިސްރާއި އިސްރާއީލާ ދެމެދު ސޮއިކޮށްފައިވާ ކޭންޕް ޑޭވިޑް ސުލްހައިގެ އެއްބަސްވުމުގެ ދަށުން މިސްރު ސަރުކާރުގެ ޢަސްކަރީ ބާރުވެރިކަން މިސްރުގެ ސީނާ ސަރަޙައްދަކަށް ނުހިނގަ އެވެ. އެސަރަހައްދަށް މިސްރުގެ ސިފައިން ހަތިޔާރާ އެކު ވަނުން މިސްރަށް ވަނީ މަނާވެފަ އެވެ. ނަމަވެސް ސީނާގެ ކައިރީގައިވާ ފަލަސްތީނާއި އިސްރާއީލުގެ ހުރިހާ ސަރަހައްދަކަށް ވެސް ބަރުހަތިޔާއެކު ބޭނުންގޮތަކަށް ޙަރަކާތްތެރިވުމުގެ އިޚްތިޔާރު މިއެއްބަސްވުމުގެ ދަށުން އިސްރާއީލަށް ލިބިދެ އެވެ. އިސްރާއީލުގެ އަޅުވެތިކަމާއި އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދު ކުރާ މުޖާހިދުންނާއި ފިދާއީން މިސަރަހައްދުގައި ޙަރަކާތްތެރިވަމުން ދެ އެވެ.

މިސްރުގެ ކުރީގެ މުޙައްމަދު މުރުސީ، ޢަސްކަރީ އިންޤިލާބެއްގައި މަޤާމުން ދުރުކުރުމަ ށްފަހު ސިފައިންގެ ބެލުމުގެ ދަށުން މިސްރުގައި އުފައްދާފައިވާ ވަގުތީ ސަރުކާރުގެ ފަހަތުގައި ހުންނަވައިގެން މިސްރުގެ ވެރިކަން ކުރައްވާ ހަޤީޤީ ވެރިއަކީ ޖެނެރަލް އަބްދުލްފައްތާޙް ކަމަށް ވަނީ ބެލެވިފަ އެވެ. އިސްރާއީލުން މިސްރަށް ޙަމަލާދިން މައްސަލަ މިސްރުގެ ސިފައިން ދޮގުކުރީ މިކަމުގެ ސަބަބުން މިސްރުގެ ރައްޔިތުންގެ ތާއީދު ޖެނެރަލް ސީސީ އަށާއި ވަގުތީ ސަރުކާރަށް ގެއްލިދާނެ ކަމުގެ ބިރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޢަސްކަރީ އިންޤިލާބަށް ފަހު މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުގެ ފިއްތުންތަކާއި އެފަރާތްތަކުން ކުރިޔަށް ގެންދާ ވަރުގަދަ މުޒާހަރާތަކާއި އިޙްތިޖާޖްތަކާ ގުޅިގެން ޖެނެރަލް ސީސީ ރާއްވަވާފައިވާ މަގުޗާޓާއެއް ގޮތަށް މިސްރުގެ ކަންތައްތައް ގެންދެވޭނެ ގޮތެއް ނެތުމުން ޖެނެރަލް ސީސީ ހުންނެވީ ގޮތްހުސްވެ ހާސްކަމެއްގެ ތެރޭގައި ކަމަށް މުޙައްލިލުން ހާމަކުރައްވަ އެވެ. ލަންޑަންގައި ނުކުންނަ ދި އިންޑިޕެންޑެންޓް ނޫސްގައި ވެސް މިކަން މިގޮތަށް ސިފަކޮށްފައިވެ އެވެ. (ނޫސްއެޖެންސީތައް)