ރާއްޖޭގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލާން ވާނީ އިހްލާސްތެރިކަމާއެކު މަސައްކަތް ކުރާ ބަޔަކަށް ކަމަށާއި ރާއްޖޭގެ އެންމެ މުއްސަނދި މީހާ އަށް ވޯޓު ދެވެން ނެތް ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވުމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް ޑރ. ވަހީދު މިރޭ ހިރިޔާ ސްކޫލުގައި ވާހަކަ ދައްކަމުން ވިދާޅުވީ ދަރިންގެ މުސްތަގުބަލަށް ޓަކައި ވެސް ކޮންމެ މީހަކު ވޯޓުލާން ޖެހޭ ކަމަށާއި ނަމަވެސް އެ ވޯޓުލާން ޖެހޭނީ އިހްލާސްތެރި ބަޔަކަށް ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ދިރިހުންނެވިހާ ދުވަހަކު ރާއްޖެ ހަލާކުގެ ތެރެއަށް ވެއްޓުނަ ނުދެއްވާނެ ކަމަށާއި އެހެން ކަމުން މިއަހަރު އެމަނިކުފާނަށާއި އެމަނިކުފާނުގެ ރަނިންމޭޓް އަހްމަދު ތަސްމީން އަލީއަށް ވޯޓު ދެއްވަން ޖެހޭ ކަމަށެވެ.


މިއަދު ރާއްޖޭގެ އެއާޕޯޓުތައް ވިއްކާނުލާ ވެސް ރާއްޖެ ތަރައްގީ ކުރެވޭނެ ކަމަށާއި މިއަދު ރާއްޖޭގެ އެއާޕޯޓުތައް ވިއްކާލާނެ ބަޔަކަށް ވެސް ވޯޓު ދެވެން ނެތް ކަމަށް ވިދާޅުވި އެވެ. ހަމަ އެހެންމެ އިސްލާމް ދީން ނޫން އެހެން ދީނަކަށް މި ރާއްޖޭގެ ފުރުސަތު ދެވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިރޭ ބޭއްވި ޖަލްސާގައި ތަސްމީން ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމިނާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެފަ އެވެ. އެ ގޮތުން އެއް ބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެއްބުރުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީން އެ ވާހަކަ ދައްކަނީ އެހެން ކަންކަމުގައި ވެސް އޮޅުވާލުމަށް ވާހަކަ ދައްކާ ފަދައިން އޮޅުވާލުމަށް ކަމަށް ތަސްމީން ވިދާޅުވި އެވެ.
އަދި ހަގީގަތަކީ އެމްޑީޕީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން ފެއިލްވެގެން ދިއުން ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން ތެޔޮ ފެނޭތޯ ބަލާނެ ކަމަށް ޔާމިން ވެވަޑައިގެންފައިވާ ވައުދަށް އިޝާރަތްކުރައްވާ ވިދާޅުވީ އެ ވައުދުވެވަޑައިގެންނެވުމުގެ ކުރިން ޔާމިން ކުރައްވަން ޖެހޭ ކަމަކީ މިރާއްޖެ އިން ތެޔޮ ފެނޭތޯ ބެލުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ބޭރުގެ ފަރާތަކުން ދިރާސާއެއް ކުރުމަށް ފަހު ނެރުނު ރިޕޯޓު ޔާމިން ދޮގުކުރެއްވުން ކަމަށެވެ.