09 Aug 2013, 23:32
އެސްޓީއޯ ހޯމްއިމްޕްރޫވް ބަށި މުބާރާތުގައި މިއަދު ކުޅުނު މެޗުތަކުން، ކާމިނީ ސްޕޯޓްސްއާއި، ގޮއިދޫ ޔޫތު ސޮސައިޓީއާއި، މުޑި ޖަމިއްޔާ ބަށި ޓީމާއި، ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމާއި، ހުޅުމާލޭ ވިމެންސް ސްޕޯޓްސް – މާރަނި އަދި މައްޗަންގޯޅީ ވިދުވަރު މޮޅުވެއްޖެ އެވެ.
މިއަދު ހެނދުނު ހުޅުމާލޭ ވިމެންސް ސްޕޯޓްސްއާ ވާދަކޮށް ކާމިނީ ސްޕޯޓްސް މެޗު ކާމިޔާބުކުރީ އެންމެ ދެ ފޯލީގެ ތަފާތުންނެވެ. އެ ޓީމަށް ހެދިފައިވަނީ 27 ލަނޑު ދެފޯލި އެވެ. އެ މެޗުގައި ހުޅުމާލޭ ވިމެންސް ސްޕޯޓްސްއަށް ހެދުނީ 27 ލަނޑެވެ. ހެނދުނު ކުޅުނު ދެވަނަ މެޗުގައި ހަވަރު ސޮސައިޓީއާ ވާދަކޮށް ގޮއިދޫ މޮޅުވީ 10 ލަނޑުގެ ތަފާތުންނެވެ. އެ މެޗުގައި ގޮއިދޫ ޓީމުން 37 ލަނޑު 10 ފޯލި ހަދާފައިވާއިރު ހަވަރު ސޮސައިޓީއަށް ހެދުނީ 27 ލަނޑު ހަތަރު ފޯއްޔެވެ.
ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ހެންވޭރު ތަރިއާ ވާދަކޮށް މުޑި ޖަމިއްޔާ މެޗު ކާމިޔާބުކުރީ 14 ލަނޑުގެ ތަފާތުންނެވެ. އެ މެޗުގައި މުޑި ޖަމިއްޔާއިން 34 ލަނޑު ހެދިއިރު ހެންވޭރު ތަރިއަށް ހެދުނީ 20 ލަނޑު ހަތް ފޯލި އެވެ. އަދި ހަވީރު ކުޅުނު ދެވަނަ މެޗުގައި ސްޓާއާ ވާދަކޮށް އެންމެ ފަހުގެ ޗެމްޕިއަން ފީއަލި މެޗު ކާމިޔާބުކުރީ ވެސް 14 ލަނޑުގެ ތަފާތުންނެވެ. އެ މެޗުގައި ސްޓާއަށް ހެދިފައިވަނީ 20 ލަނޑު ހަތް ފޯލި އެވެ.
މުބާރާތުގައި މިރޭ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ހުވަނދުމާ ޓީމާ ވާދަކޮށް މާރަނި މެޗު ކާމިޔާބުކުރީ ހަ ލަނޑުގެ ތަފާތުންނެވެ. އެ މެޗުގައި މާރަނި 32 ލަނޑު ހަތަރު ފޯލި ހަދާފައިވާއިރު ހުވަނދުމާއަށް ހެދުނީ 26 ލަނޑު 11 ފޯއްޔެވެ. ދެވަނަ މެޗުގައި ބަނޑިދޫ ބަށި ޓީމާ ވާދަކޮށް މައްޗަންގޯޅީ ވިދުވަރު މެޗު ކާމިޔާބުކުރީ އަށް ލަނޑުގެ ތަފާތުން ނެވެ. އެ މެޗުގައި ވިދުވަރު 32 ލަނޑު ތިން ފޯލި ހަދާފައިވާއިރު ބަނޑިދޫ ބަށިޓީމަށް ހެދުނީ 24 ލަނޑެވެ.
ޖުމުލަ 19 ޓީމް ހަތަރު ގްރޫޕަށް ބަހާލައިގެން، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ މުބާރާތުގައި މާދަމާ ވެސް ހަ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ހެނދުނު ދެމެޗު ހަވީރު ދެމެޗު އަދި ރޭގަނޑު ދެމެޗު ކުޅޭނެ އެވެ.
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާ ނުވަތަ ބަށި ރާނީއަށް ހޮވޭ ފަރާތަކަށް މޯލްޑިވިއަންގެ ފަރާތުން ޗެންނާއީއަށް ދެކޮޅު ޓިކެޓް ހުށަހަޅާފައިވާއިރު މިއަހަރުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 100،000ރ. ލިބޭނެ އެވެ. އަދި ރަނަރަޕް ޓީމަށް 50،000ރ. އާއި ތިންވަނަ ޓީމަށް 25،000ރ. ހުށަހަޅާފައިވާއިރު މުބާރާތުގެ ފެއަޕްލޭ ޓީމަށް 10،000ރ. ވަނީ ހުށަހަޅާފަ އެވެ.