09 Aug 2013, 23:01
އެގާރަފުޅި ބަނގުރަލާ އެކު ހުޅުމާލެ އިން މިއަދު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭ ޕޮލިސް ސްޓޭޝަންގައި ތިބޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިއަދު ހަވީރު 6.15 ހާ އިރު ކަމަށެވެ.
ރާފުޅިތައް ފެނުނީ ގޯންޏަކަށް އަޅައި ހުޅުމާލޭ ފަޅުގެ އަޑިއަށް ފައްތާފައި ހުއްޓާ ކަމަށާއި އެ ފުޅިތައް ގެންގުޅުނު ދެ މީހުން ހައްޔަރުކުރީ ރާފުޅިތައް އެއްގަމަށް ގެނައުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އަދި ބުނީ ހައްޔަރުކުރި ދެ މީހުންނަނީ އުމުރުން 23 އަހަރުގެ ދިވެއްސަކާއި 24 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށާއި ހައްޔަރުކުރި ދިވެއްސަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ.
ނަމަވެސް އެ މީހުންނާ ބެހޭ ވަނަވަރެއް ފުލުހުން ނުދެ އެވެ.
ރާފުޅިތައް ހުޅުމާލޭ ފަޅުގެ އަޑިއަށް ފައްތައިގެން އުޅުނު މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.