ތަޖުރިބާކާރު ފޯވަޑް އިބްރާހީމް ފަޒީލް (އޮއްޕޮ)އާއި އަޝްހަދު އަލީ (އަޑުބަރޭ) ބާކީކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފޯވަޑް އަލީ އުމަރާއި ތަޖްރިބާކާރު މިޑްފީލްޑަރު އަހްމަދު ނިޔާޒް (ނިޔާ) ހިމަނައިގެން ސާފްޗެމްޕިއަން ޝިޕަށް ތައްޔާރުވާ ގައުމީ ޓީމްގެ ސްކޮޑް 25 ކުޅުންތެރިންނާއެކު އިއުލާނުކޮށްފި އެވެ.

މިފަހަކަށް އައިސް ފޯމު ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އޮއްޕޮއަށް ގައުމީ ޓީމް ސްކޮޑުން ފުރަތަމަ ފަހަރަށް ޖާގަ ގެއްލިފައިވާއިރު، އެންމެ ފަހުން ޕާކިސްތާނާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗުގައިވެސް ސްކޮޑުން ޖާގަ ލިބުނު ނަމަވެސް އަނިޔާގެ ސަބަބުން އޮއްޕޮ ކުޅެފައެއް ނުވެއެވެ. އޮއްޕޮގެ އިތުރުން ގައުމީ ސްކޮޑުން ޖާގަ ގެއްލުނު ފާހަގަކޮށްލެވޭ އަނެއް ކުޅުންތެރިއަކީ ބީޖީގެ ފޯވަޑް އަޝްހަދު އަލީ (އަޑުބަރޭ) އެވެ.

ގައުމީޓީމުގައި ކުރިން މުހިއްމު ރޯލެއް އަދާކޮށްފައިވާ އަލީ އުމަރަށް 2009ގެ ފަހުން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބިފައި ނުވާއިރު، ވީބީއިން ނިއުއަށް އޭނާ ބަދަލުވި ފަހުން ގިނަބަޔަކު ގަބޫލް ކުރާގޮތުގައި މިފަހަކަށް އައިސް ދަނޑުމަތީގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ އެއް ކުޅުންތެރިއަކީ އަލީ އުމަރުއެވެ.

ގައުމީ ސްކޮޑުން މިފަހަރު ޖާގަ ހޯދި ފާހަގަކޮށްލެވޭ އަނެއް ކުޅުންތެރިއަކީ ނިއުގެ މިޑްފީލްޑަރު ނިޔާއެވެ. އުމުރުން 33 އަހަރުގެ ނިޔާގެ 15 އަހަރުގެ ފުޓްބޯޅަ ކެރިއަރުގައި ގައުމީ ސްކޮޑުން ޖާގަލިބުނު މިއީ ފުރަތަމަ ފަހަރެވެ. ގައުމީ ޓީމުން މިފަހަރު މުޅިން އަލަށް ފުރުސަތުދިން އަނެއް ކުޅުންތެރިއަކީ ބީޖީ ސްޕޯޓްސްގެ މުހައްމަދު އައްޒާމް އެވެ.

މިއަދު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިއުލާނުކުރި 25 ކުޅުންތެރިންގެ ސްކޮޑުގައި ނިއުގެ 13 ކުޅުންތެރިން ހިމެނޭ އިރު ދެން އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. އެ ޓީމުން ޖުމުލަ ހަތް ކުޅުންތެރިއަކު ގައުމީ ސްކޮޑްގައި ހިމަނާފައިވެ އެވެ. ބީޖީގެ ތިން ކުޅުންތެރިންނާއި، ވެލެންސިޔާ އަދި އީގަލްސްގެ އެއް ކުޅުންތެރިއަކު ހިމެނިފައިވާއިރު މިފަހަރު ގައުމީ ސްކޮޑުގައި ކުޅުންތެރިއަކު ނުހިމެނޭ ފުރަތަމަ ޑިވިޝަންގެ ޓީމުތަކަކީ ވިކްޓަރީ، އަދި އޭވައިއެލް އެވެ.

މިއަދު އިއުލާނު ކުރި 25 ކުޅުންތެރިންގެ ސްކޮޑާއެކު ގައުމީ ޓީމުގެ ޕްރެކްޓިސް ފަށާނީ މާދަމާ ހަވީރު ގަލޮޅު ދަނޑުގަ އެވެ. އަދި މި މަހުގެ 31 އިން އަންނަ މަހުގެ 11 އަށް ކުރިއަށް ނޭޕާލްގައި ކުރިއަށް ގެންދާ ސާފްޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ގޮތުން އިތުރު ތަމްރީނުތަކެއް ހެދުމަށްޓަކައި މިމަހުގެ 15 ވަނަ ދުވަހު ގައުމީ ޓީމް ތައިލެންޑުގައި ކޭމްޕުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސާފްޗެމްޕިއަން ޝިޕަށް ތައްޔާރުވާ 25 ކުޅުންތެރިންގެ ގައުމީ ސްކޮޑް:
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު:

- އިމްރާނު މުހައްމަދު (އިންމަ) ގޯލްކީޕަރު
- މުހައްމަދު ޝިފާން (ކުޑައްޓޭ)
- އަހުމަދު އަބުދުﷲ (ލިލީ)
- މުހައްމަދު އުމޭރު
- އަކުރަމް އަބުދުލްގަނީ (އަކޫ)
- ރިލްވާން ވަހީދު (ކަކާރިލޭ)
- އަހުމަދު ނިޔާޒް (ނިޔާ)
- އިސްމާއީލް އީސާ (މެސީ)
- އަލީ ފާސިރު (ސެންޓޭ)
- ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)
- މޫސާ ޔާމީން (ޔާންބެ)
- އަލީ އުމަރު
- އަލީ އަޝްފާގް (ދަގަނޑޭ)

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން:
- މުހައްމަދު އިމްރާން (އިމްރާން) ގޯލްކީޕަރު
- ޝާފިއު އަހުމަދު
- މުހައްމަދު ރަޝީދު (ހޮކޭ)
- މުހައްމަދު އާރިފް (ބަކާ)
- އަސަދުﷲ އަބުދުﷲ
- އަހުމަދު ރަޝީދު (އައްމަޑޭ)
- އަހުމަދު ނާޝިދު (ނާއްޓޭ)

ބީޖީ ސްޕޯޓްސް:
- އިބްރާހީމް އިފްރާހު އަރީފް (އިފްރާ) ގޯލްކީޕަރު
- ހަސަން އަދުހަމް (ސަޑޭ)
- އަހުމަދު ޒާދު

ކުލަބް ވެލެންސިއާ:
- މުހައްމަދު ފައިސަލް (ފައިސަލް) ގޯލްކީޕަރު

ކުލަބް އީގަލްސް:
- އަހުމަދު އިމާޒް (އާއްކޮ)