މިސްރު ސިފައިން ކުރި ބަޣާވާތެއްގައި އެގައުމުގެ ވެރިކަން ވައްޓާލުމަށް ފަހު އުފައްދާފައިވާ ވަގުތީ ސަރުކާރާ ގުޅިގެން އިސްރާއީލުން މިސްރުގެ ސީނާ އަށް ހަމަލާދީ ފަސް މީހުން މަރާލައިފި އެވެ.

އޭއެފްޕީއާ ހަވާލާދީ މިސްރުގެ އަލް އަހުރާމް ނޫހުން ބުނީ މީހުންނާ ނުލައި އުދުހޭ މަތިންދާބޯޓް (ޑްރޯން) ބޭނުންކޮށްގެން ސީނާ އިސްރާއީލުން ދިން ހަމަލާގައި ހަނގުރާމަވެރިންގެ ފަސް މީހުން މަރާލައި، ރޮކެޓްލޯންޗާ އެއް ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި އެ ހަމަލާ އަކީ މިސްރު ސަރުކާރާ ގުޅިގެން ދިން ހަމަލާއެއް ކަމަށް ނަން ހާމަނުކުރާ މިސްރުގެ ދެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުންޏެވެ.

މިސްރު ސަރުކާރުގެ ބާރު ރަނގަޅަށް ނުހިނގާ ސަރަހައްދެއް ކަމަށްވާ ސީނާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެކޮޅަށް މިސްރު ސިފައިން ވެސް ދަނީ މެދު ނުކެނޑި ހަނގުރާމަކުރަމުންނެވެ. ހަނގުރާމަވެރިން ހަމަލާއެއް ދީފާނެ ކަމަށް މިސްރު ސަރުކާރުން ދިން އިންޒާރަކާ ގުޅިގެން ސީނާއާ އާއި އިސްރާއީލު ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ އެއާޕޯޓެއް އިސްރާއީލުން އިއްޔެ ބަންދުކުރި އެވެ.

ހަނގުރާމަވެރިންގެ މައްސަލަ ހައްލުކުރުމުގައި އިސްރާއީލާ ގުޅިގެން މަސައްކަތް ކުރެއްވުމަށް މިހާރު ބަންދުގައި ހުންނެވި މިސްރުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު މުރުސީ ވަނީ ތަކުރާރުކޮށް ދެކޮޅު ހައްދަވާފަ އެވެ. ބަޣާވާތްކޮށް، އޭނާ ރައީސްކަމުން ދުރުކޮށް ހައްޔަރު ކުރި ފަހުން މިހާރު މިސްރުގެ ވެރިކަން ކުރަމުން އަންނަނީ އެމެރިކާ އާއި އިސްރާއީލުގެ ރުހުން ލިބިފައިވާ ބައެކެވެ.