ކ. މާފުށީ ފަޅުތެރޭގައި އޮންނަ "ވަށްމާފުށި" ޓޫރިސްޓުން މޫދަށް އެރެން ގޮސް އުޅޭ ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

މިއަދު މާފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ އެހެން ރަށްތަކާ ހިލާފަށް މާފުއްޓަކީ ގިނަ ޓޫރިސްޓުން އުޅޭ ރަށަކަށް ވާތީ އެ ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުން މޫދަށް އެރެވޭނެ ރަނގަޅު ގޮތެއް އޮންނަން ޖެހޭނެ ކަމަށެވެ. އަދި ފަސްއަޅައިގެން ހިއްކާފައިވާ "ވަށްމާފުށި" ފަސްގަނޑު ފަތުރުވެރިން މޫދަށް އެރޭ ތަނެއްގެ ގޮތުގައި ހަމަ ޖައްސަން ޖެހެނީ މާފުއްޓަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައާ އެކު އެރަށް ގިރަމުންދާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ ދަށުގައި އޮތް އެ ރަށް ކައުންސިލާ ހަވާލު ކުރުމަށް ފަހު ވަރަށް އަވަހަށް އެ މަޝްރޫއު ފައްޓަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ފަތުރުވެރިން މޫދަށް އެރޭނެ ގޮތެއް އެބަޖެހޭ ހަމަޖެހެން. ރަށަކީ ވަރަށް ބޮޑަށް ގިރަމުންދާ ރަށެއް. ރަށުގެ ބީޗް ވަރަށް ބޮޑަށް ވަނީ ގިރާފައި. އެހެންވީމާ އަޅުގަނޑުމެން ވިސްނާފައި އޮތީ މިތާ ކައިރީ ގިރަމުންދާ ރަށެއް، ރަށު ކައުންސިލާ ހަވާލުކޮށް އެތަނަށް ވެލިއަޅާ އެތަން އާބަދުކުރުން. އެހެންވީމާ އިރާދަކުރެއްވިޔާ އެ މަޝްރޫއު އަޅުގަނޑުމެން ކުރިއަށްގެންދާނަން،" މާފުއްޓަަށް މިއަދު ކުރެއްވި ކެމްޕެއިން ދަތުުރުފުޅުގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ރަށުގައި ފެށުމަށް ހަމަޖެހިފައިވާ ބިން ބޮޑުކުރުމުގެ މަޝްރޫއު އާއި މާފުށިގެ މަގުތައް ހެދުމުގެ މަޝްރޫއު އެ ރަށުގައި ކުރިއަށްދާނެ ކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފަ އެވެ. ހަމަ އެހެންމެ މާލޭގެ ކުނި ނައްތާލުމުގެ މަޝްރޫއު ކުރިއަށްދާ އިރު އެ ރަށުގައި ވެސް ކުނި ނައްތާލެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށް މިއަދު ވިދާޅުވި އެވެ.

މާފުށި ކައުންސިލްގެ ރައީސް އަބްދުﷲ މުފީދު ސަން އަށް މިއަދު ވިދާޅުވީ އެ ރަށް ކައިރީގައި އޮންނަ ވައްމާފުށި، ކުރިން އޮތީ ސްކޫލް ކުދިންގެ ދަތުރުތައް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ގެންގޮސްފައި ކަމަށެވެ. ނަމަވެސް މިހާރު އެ ރަށް ގިރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.