12 Nov 2010, 11:21
މާލޭގެ ފަސް ސަރަހައްދަކުން އައިޕެޑް މެދުވެރިކޮށް އޮންލައިންކޮށް ކާ އެއްޗެއްސަށް އޯޑަރު ކުރުމުގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް "ބަދިގެ ޑޮޓްކޮމް" އިން ބުނެފި އެވެ.
ބަދިގެ ޑޮޓްކޮމްގެ މެނޭޖިން ޑައިރެކްޓާ ހަސަން މުބާހު ސަންއޮންލައިން އަށް މައުލޫމާތު ދެއްވަމުން ރޭ ވިދާޅުވީ ވެރިރަށް މާލޭގައި އާންމުގޮތެއްގައި މީހުން އެއްވާ ހިސާބުތަކުގައި އައިޕެޑް ސްޓޭންޑް ތަކެއް ބެހެއްޓާނެ ކަމަށާއި ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި ހިދުމަތް ދެވެން ފަށާނެ ކަމަށެވެ.
"މި ހިދުމަތް ފަށައިގަންނައިރު އަޅުގަނޑުމެން މި ބޭނުންކުރަނީ ފަސް އައިޕެޑް، އެއީ އަޅުގަނޑުމެންގެ ބަދިގެ ޑޮޓްކޮމްގެ 'ކާގެ' ކައިރީ ދެ އައިޕެޑް، ދެން މާލޭގެ އިތުރު ތިން ސަރަހައްދެގައި ތިން އައިޕެޑް. މިހާރު ހުރިހާ ކަމެއް ހުރީ ހަމަޖެހިފަ، ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި ހިދުމަތް ފެށޭވަރު ވާނެ،" މުބާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަދިގެ ޑޮޓްކޮމްގެ ކާގޭގައި ބައިވެރި ވެފައިވާ 15 ރެސޯޓޯރެންޓެއްގެ ކާތަކެއްޗަށް އައިޕެޑް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރެވެން ހުންނާނެ ކަމަށާއި އަދި މީގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭ ފެރީ ޓާމިނަލް ގައިވެސް އައިޕެޑް ސްޓޭންޑް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މުބާހު ވިދާޅުވީ ބަދިގޭ އައިޕެޑް ސެޓޭންޑްތައް ކައިރީގައި ބަދިގޭގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށާއި މިނިޒާމް ގާއިމް ކުރުމަށްޓަކައި ގާތްގަނޑަކަށް 4000 ޑޮލަރު ހޭދަކޮށްފައިވާ ކަމަށެވެ.
ބަދިގެ ޑޮޓްކޮމްގެ ސައިޓުގައި މިހާރުވެސް ހާހަކަށްވުރެ ގިނަ ކާބޯތަކެތި ހިމެނިފައި ވެއެވެ. ވަރަށް ފަހުން ބަދިގެ ޑޮޓްކޮމް އިން ވަނީ ޑެލިވަރި ކުރުމަށްޓަކައި ހާއްސަ ބެކް ޕެކް ތަކެއްވެސް ބޭނުން ކުރަން ފަށައިފަ އެވެ.