ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރު ބޮމެއް ގޮވައި އާއިލާގެ މެމްބަރުން މަރުވުމުން ފިލަން ވަދެ އުޅެނިކޮށް ގެއްލި، ޖަންގަލީގައި 40 އަހަރު ދިރިއުޅުނު ދެބަފައިން ފެނިއްޖެ އެވެ.

މިހާރު އުމުރުން 82 އަހަރު ވެފައިވާ ހޯ ވާން ތާ އާއި އުމުރުން 41 އަހަރު ވެފައިވާ އޭނާގެ ފިރިހެން ދަރިފުޅު ހޯ ވާން ލޭންގް ފެނުނީ ވިއެޓްނާމްގެ ކްއާން ގާއީ ޕްރޮވިންސްގެ ޓޭޓްރާ ޑިސްޓްރިކްޓްގެ ޖަންގަޔަށް ދަރުހޮވަން ދިޔަ ބަޔަކަށް ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް އިން ބުންޏެވެ. ދަރުހޮވަން ދިޔަ މީހުންނަށް އެ ދެ މީހުން ފެނިގެން ރިޕޯޓް ކުރުމުން އެ މީހުން ހޯދައިގެން ގެނައީ ވިއެޓްނާމް ސަރުކާރުން އެކަމަށް ފޮނުވި ހާއްސަ ޓީމަކުން ކަމަށް އެނޫހުން ބުންޏެވެ.

ޖަންގަލިން ފެނުނު ދެ މީހުންގެ ތެރެއިން ތާ އަކީ ޖަންގައްޔަށް ފިލަން ވަނުމުގެ ކުރިން ވިއެޓްނާމްގެ ޓްރާކެމް ނަމަކަށް ކިޔާ އަވަށެއްގައި އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. އުމުރުން ދެ އަހަރުވީ ދަރިފުޅު ގޮވައިގެން އޭނާ ޖަންގައްޔަށް ވަދެ ފިލީ އޭނާގެ ގޭގައި ބަޔަކު މައިނެއް ގޮއްވާލައި، އަންހެނުންނާއި ދެ ފިރިހެން ދަރިން މަރާލުމާ ގުޅިގެންނެވެ. އެމެރިކާ އިން ވިއެޓްނާމާ ދެކޮޅަށް ކުރި ހަނގުރާމައިގެ ދުވަސް ވަރު ހިނގި އެ ހާދިސާއަށް ފަހު އެ ދެ ބަފައިން ދިރިއުޅެމުން އައީ ޖަންގަލީގަ އެވެ.

ތާގެ ދެބަފައިން ޖަންގަލީގައި 40 އަހަރު ދިރިއުޅެފައި ވަނީ ބިޔަ ގަހެއްގައި، ބިމުން ފެށިގެން 5 މީޓަރު މަތީގައި ދަނޑިފަނުން ހަދާފައި ހުރި ގެއެއްގަ އެވެ. އެ މީހުން ކައި ބޮއި އުޅުނީ ޖަންގަލީގައި ހެދިފައިވާ ދަނޑި އަލުތްވާއި ޖަންގަލީގައި ހެދިފައިވާ މޭވާ ގަސްގަހުގެ މޭވާ އާއި އެ މީހުން ހެއްދި ޒުވާރި އެވެ. އުނު އޮރިޔާން ނިވާކުރީ ގަސްގަހުގެ ތޮށިން ވިޔެފައިވާ އަންނަ އުނު ބޭނުންކޮށްގެންނެވެ.

ދެ މީހުންގެ ތެރެއިން ތާ އަށް ވިއެޓްނާމްގައި މަދު ބަޔަކު ވާހަކަ ދައްކައި އުޅޭ ބަހެއް ކަމަށްވާ ކޯރް ބަހުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަން އެނގޭ ކަމަށާއި ލޭން އަށް އިނގެނީ މަދު ލަފުޒުތަކެއް ކަމަށް ވިއެޓްނާމްގެ އޮފިޝަލުންނާ ހަވާލާދީ ޑެއިލީ މެއިލް އިން ބުންޏެވެ.

ވިއެޓްނާމްގައި އުތުރު ވިއެޓްނާމްގެ ނަމުގައި އުފެއްދި ވެރިކަމާ ދެކޮޅަށް 1964 ވަނަ އެމެރިކާ އިން ފެށި ހަނގުރާމަ ނިމުނީ 1969 ވަނަ އަހަރު އެވެ. އެ ހަނގުރާމައިގާ ދެ ފަރާތުން ވެސް އިންސާނިއްޔަތާ ހިލާފު، ހަނގުރާމައިގެ އެތައް ޖަރީމާއެއް ހިންގާފައިވެ އެވެ.