09 Aug 2013, 18:37
މިއަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރާ ޖުމްހޫރީ ގުޅުމުގެ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ފަރާތުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.
މިއަދު ހަވީރު އާޓިފިޝަލް ބީޗް ގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި ޖުހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ގާސިމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު ވަނީ ކުޑަކުދިންނާ އެކު ވަގުތުތަކެއް ހޭދަ ކުރައްވާފަ އެވެ.
ޖުމްހޫރީ ގުޅުމުން މިއަދު ހަވީރު 4:00 އިން 6:00 އަށް ބޭއްވި ކުޑަކުދިންގެ ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވެ އެވެ. އަދި އެ ހަވީރުގައި ވަނީ ކުޑަކުދިންނާ ގުޅޭ ތަފާތު ކުޅިވަރުތަކާއި ތަފާތު ކާޓޫން ކެރެކްޓާތައް ބައިވެރިވެފަ އެވެ. އަދި ކުޑަކުދިންނަށް ތަފާތު ހަދިޔާތައް ވެސް ދީފައިވެ އެވެ.
ކުޑަކުދިންގެ ހަވީރެއް ޖުމްހޫރީ ގުޅުމުގެ ފަރާތުން މިއަދު ބާއްވާފައިވާ އިރު އެ ޕާޓީ އިން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ކުޑަކުދިންނަށްޓަކައި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް މީގެ ކުރިން ވައުދުވެފަ އެވެ.