09 Aug 2013, 16:19
އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ބޮޑު ބަޔަކަށް ފެން ސަޕްލައި ކުރުމަށް ބަހައްޓާފައި ހުރި ފެންތާންގީއެއް ފަޅައިގެން ގޮސް ގަމުގެ އެއާޕޯޓް ފިޔަވާ އެހެން ތަންތަނުން ފެން ކެނޑިއްޖެ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ ގާތްގަނޑަކަށް 200،000 ލީޓަރުގެ ފެން ރައްކާކުރެވޭ އެ ތާނގީއަކީ އެލްމެނިއަމުން ހަދާފައި ހުރި ތާންގީއެއް ކަމަށާއި އެ ތާންގީ ވަނީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ.
އަދި ވިދާޅުވީ ފެނުގެ މައްސަލަ ވަގުތީ ގޮތުން ހައްލުކުރުމަށް ޓަކައި ގަމަށް މިއަދު ކުދި ތާންގީތަކެއް ގެންދާނެ ކަމަށެވެ.
"އެއީ ގާތްގަނޑަކަށް ދެ ލައްކަ ލީޓަރުގެ ތާންގީއެއް، ތާންގީ ދެން މަރާމާތެއް ނުކުރެވޭނެ، ވަގުތީ ގޮތުން ފެނުގެ މައްސަލަ ހައްލުކުރުމަށް ކުދި ތާންގީތަކެއް ގަމަށް ގެންނާނެ މިއަދު. ފެނުގެ މައްސަލަ މިއަދު ހައްލުވާނެ،" ޝާހިދު ވިދާޅުވިއެވެ.
ފެންތާނގީ ފަޅައިގެން ގޮސް ފެން އެޅުމުގެ ސަބަބުން ކައިރީގައި ހުރި އިމާރާތަކަށް ބައެއް ގެއްލުންތައް ވެފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.