އާބާދީގައި 2600 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރ. އަލިފުށްޓަށް ކަރަންޓް ދެމުން އައި ހަތަރު ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރު މިހާރު ހުރީ މުޅިން ހަލާކުވެފަ އެވެ. ރަށު ކައުންސިލުން ބުނީ މިހާރު ބޭނުން ކުރެވެން ހުރީ އެންމެ ޖަނަރޭޓަރެއް ކަމަށާއި އެހެންވެ، ކަރަންޓް ދެމުން އަންނަނީ އެއް ގަޑި އިރު ކަރަންޓް ދިނުމަށް ފަހު ބައި ގަޑި އިރަށް ކަރަންޓް ކަނޑާލާ އުސޫލުން ކަމަށެވެ.

"މިހާރު ހިންގެނީ އެންމެ ޖަނަރޭޓަރެއް، އެހެންވެ، މެދު ނުކެނޑި ކަރަންޓް ދެވޭ ގޮތެއް ނުވޭ، ދެން މިހަދާ ގޮތަކީ އެއް ގަޑި އިރަށް ކަރަންޓް ދިނުމަށް ފަހު ބައިގަޑި އިރަށް ކަރަންޓް ކަނޑާލަނީ،" ސަން އަށް މައުލޫމާތު ދެއްވަމުން އަލިފުށީ ކައުންސިލުގެ ރައީސް އަބުދުއް ލަތީފު އަބުދުއް ރަހުމާނު މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ކަރަންޓް ދެމުން އަންނަތާ މިހާރު ދެ ދުވަސް ވެއްޖެ ކަމަށާ އެކަމުގެ ސަބަބުން ރަށުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ހަލާކުވެ، ވިޔަފާރިވެރިންނާއި އެހެން ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކަރަންޓްގެ ހާލަތު މިހާސަބަށް ދިއުމުން ރަށުގެ ރައްޔިތުން އިހުތިޖާޖު ވެސް ކުރި ކަމަށާ އެހެން ނަމަވެސް ފިތުރު އީދާ ގުޅިގެން މިހާރު އިހުތިޖާޖުކުރުން ހުއްޓާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިގޮތަށް ކަރަންޓް ދޭން ޖެހުމުން ރައްޔިތުންނަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުން، އިއްޔެ އެކަނި ވެސް އަށް ޓީވީއާއި އެތައް ރެފްރިޖޭޓަރެއް ހަލާކުވެގެން ރަށުކައުންސިލަށް އެންގި، ރައްޔިތުން ވަނީ މިކަމާ އިހުތިޖާޖު ކުރަން ފަށާފައި، އެހެން ނަމަވެސް މިއަދަކު އިހުތިޖާޖެއް ނުކުރޭ، ހީވަނީ ފިތުރު އީދާ ގުޅިގެން ހެން،" ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުން އެދި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުވާފައި ވާނެ ކަމަށެވެ.

ޖަނަރޭޓަރުތައް ހަލާކުވެ، އަލިފުށި ނިވިދިއްލެމުން ދާއިރު އެ ރަށަށް ކަރަންޓް ދެމުން އައި ޖަނަރޭޓަރުތައް މަރާމާތު ކުރުމަށް ކަރަންޓްގެ ހިދުމަތްދޭ ކުންފުނި ފެނަކަ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކަމަށް އެންމެ މަދުވެގެން 10 ދުވަސް ހޭދަވާނެ ކަމަށް ލަތީފު ވިދާޅުވި އެވެ.

ޖަނަރޭޓަރެއް ސާވިސް ކުރުމަށް އެންމެ މަދުވެގެން ވެސް ފަސް ދުވަސް އެބަ ނަގާ، ދެޖަނަރޭޓަރު ސާވިސް ކޮށްގެން ކަރަންޓްގެ މައްސަލަ ހައްލުވާން އަންނަނީ، އެހެންވީމާ އަދި 10 ދުވަސް ވަރު ވާނެ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިހާރު ހުރި ޖަނަރޭޓަރުތަކަކީ ސާވިސް ނުކުރާތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ޖަނަރޭޓަރުތަކެއް ކަމަށެވެ.