އިނގިރޭސިވިލާތަށް ކިޔެވުމަށާއި އެކި ބޭނުންތަކަށްދާ ދިވެހިންނަށް ރާއްޖެ އިން ވިސާ ދޫކުރަން ހަމަޖެހިފައިވާ ކަމަށް އިނގިރޭސިވިލާތުގެ ހައިކޮމިޝަނުން ބުނެފި އެވެ.

ކޮލަމްބޯގައި ހުންނަ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އިނގިރޭސިވިލާތަށް ކިޔެވުމަށާއި އެނޫން ވެސް ބޭނުންތަކަށް ދާ ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން މިމަހުގެ 28 ވަނަ ދުވަހު ނަސަންދުރަ ޕެލަސް ހޮޓަލުން ފޯމްތައް ބަލައިގަންނާނެ ކަމަށެވެ. އަދި އެ ހިދުމަތުގެ ސަބަބުން ވިސާ ހޯދުމަށް ލަންކާ އަށް ދިއުމަށް ކުރަން ޖެހޭ ހަރަދު ސަލާމަތްވާނެ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އިނގިރޭސިވިލާތަށް ދިއުމަށް މީގެ ކުރިން ވިސާ ހޯދަން ޖެހެނީ ކޮލަމްބޯގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުންނެވެ.

އެ ނޫސްބަޔާނުގައި ވަނީ އިނގިރޭސިވިލާތަށް ދާން އެ ދުވަހު ވިސާ ހޯދަން ބޭނުންވާ ފަރާތްތަކުން ފޯނުން އެޕޮއިންޓްމަންޓް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި އެ ހިދުމަތަށް 302 ޑޮލަރު ނުވަތަ 192 ޕައުންޑް ނެގުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި ވީސާ ދޫކުރަނީ ވަކި މިންވަރަކަށް ކަމަށް ވެސް އެ ހައިކޮމިޝަނުން ބުންޏެވެ.

އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރެންކިން ވިދާޅުވެފައި ވަނީ އެ ހިދުމަތުގެ ސަބަބުން އެ ގައުމުގެ އެކި ޔުނިވާސިޓީތަކުގައި ކިޔަވާ ދިވެހިންނަށް ފަސޭހަކަމާ އެކު ވިސާ ހޯދޭނެ ކަމަށެވެ.