09 Aug 2013, 14:03
ރިޔާޟް (އޮގަސްޓް 9): އިންޓަނެޓްގެ ސޯޝަލް ނެޓްވާކްތައް ބޭނުންކޮށްގެން ބޮންގޮއްވުމާއި އަމިއްލައަށް މަރުވެގެން ޓެރަރިސްޓް ޙަމަލާތައް ދިނުމާބެހޭ މަޢްލޫމާތު ބައެއް ފަރާތްތަކާ އެކު ބަދަލުކުރަމުން ގެންދިޔަ ދެ މީހަކު ހައްޔަރުކޮށްފިކަން ސައޫދީ އަރަބިޔާއިން ހާމަކޮށްފި އެވެ.
ސައޫދީ ދާޚިލީ ވުޒާރާ އިން ބުނީ އެގައުމުގެ ފުލުހުން އިއްޔެ ހައްޔަރު ކުރި މި ދެ މީހުންނަކީ "މަގުގެއްލިފައިވާ ފިކުރު" ގެންގުޅޭ ހަރުކަށި ޖަމާއަތްތަކަށް ނިސްބަތްވާ ކަމަށް ބެލެވޭ ދެ މީހުން ކަމަށާ މީގެތެރެއިން އެކަކީ ޔަމަން މީހެއް ކަމަށާ އަނެއް މީހާ އަކީ ޗާޑް މީހެއް ކަމުގަ އެވެ. "މަގުގެއްލިފައިވާ ފިކުރު"ނަން ސައޫދީ ސަރުކާރުންނާއި އެގައުމުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބޭނުން ކުރަނީ އަލްޤާޢިދާ ފަދަ "ޖިހާދު"ގެ ނަމުގައި ޙަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ޖަމާޢަތްތައް ސިފަކުރުމަށެވެ.
ހައްޔަރު ކުރެވުނު ދެ މީހުންނާ އެކު ކޮންޕިއުޓަރާއި މޯބައިލް ފޯނާއި އެނޫން ވެސް އިލެކްޓްރޯނިކް ވަސީލަތްތައް އަތުލައިގެނެވުނު ކަމަށާ ހައްޔަރު ކުރެވުނު ދެމީހުން ސޯޝަލްނެޓްވާކްތަކުގައި ގޮތްނޭންގޭ ކޯޑުތަކެއް ބޭނުންކޮށްގެން "މަގުގެއްލިފައިވާ ފިކުރު"ގެ ޖަމާއަތްތަކާ މުޢާމަލާތް ކުރަމުންގެންދިޔަ ކަމަށާ މިކަން ތަޙްގީގު ކުރަމުންގެންދާ ކަމަށް ސައޫދީ ދާޚިލީ ވުޒާރާގެ ތަރްޖަމާނަކު ވިދާޅުވި އެވެ.
ޓެރަރިޒަމާ އިދިކޮޅު ނަމުގައި ބައެއް އިސްލާމީ ގައުމުތަކުގައި އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީއައިއޭ) އިން ހިންގަމުންގެންދާ ހަނގުރާމައިގެ ހަރަކާތްތައް ބަލައި މޮނިޓަރ ކުރާ ސިއްރު މަރުކަޒެއް ސައޫދީ އަރަބިޔާގައި ހުންނަކަމަށް ޖާސޫސީ ބައެއް ރިޕޯޓްތައް ބުނެ އެވެ. ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި ޔަމަންއާއި ޕާކިސްތާނަށް އެމެރިކާ ދެމުންގެންދާ ޑްރޯން މަތިންދާ ބޯޓުތަކުގެ ޙަމަލާތައް ބަލައި މޮނިޓަރ ކުރަނީ ސައޫދީ ގައި ހުންނަ ސީއައިއޭގެ މި ސިއްރު މަރުކަޒުން ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. މިކަން ކަށަވަރު ކުރުމަށް ވެސް އަދި ދޮގުކުރުމަށް ވެސް ސައޫދީ ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. (ނޫސްއެޖެންސީތައް)