09 Aug 2013, 13:56
ކުއެޓާ (އޮގަސްޓް 9): ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ މަރުކަޒެއްގެ ގޮތުގައި ބެލެވޭ އެގައުމުގެ ކުއެޓާ ސިޓީގައި ކުރިޔަށްދިޔަ ޖަނާޒާއެއްގައި ބައިވެރިވި މީހުންނަށް އަމާޒުކޮށް މީހަކު އަމިއްލަ އަށް މަރުވެގެން ދިން ޙަމަލާއެއްގައި 28 މީހުން މަރުވެ 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.
ޕާކިސްތާނުގެ ހުޅަނގުގެ ބަލޫޗިސްތާން ސަރަހައްދުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކުއެޓާގައި ގޮވާތަކެތި ހަރުކޮށްގެން ހުރި މީހަކު އަމިއްލަ އަށް މަރުވެގެން މިޙަމަލާދީފައި ވަނީ މީހަކު މަރުވެގެން އެމީހާގެ ޖަނާޒާގެ ކަންތައް ކުރިޔަށްކުރިޔަށް ގެންދިޔަ މިސްކިތުގެ ކުރިމަތީގައި ކަމަށް ފުލުހުން ބުނެ އެވެ. ޕާކިސްތާން ފުލުހުންގެ އިނިސްޕެކްޓަރެއް ކަމަށްވާ ޢަބްދުއްސަބޫރު ވިދާޅުވީ ޖަނާޒާގައި ބައިވެރިވިމީހުންގެ ތެރޭގައި ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްފައިވާ މީހަކު ހުރިކަމަށް ޝައްކު ކުރެވިގެން ފުލުހުންގެ އޮޕަރޭޝަންތަކާ ބެހޭ ވެރިޔާގެ ނައިބު ފައްޔާޒް ސަންބާލް އެމީހާގެ ހަށިގަނޑު ބަލައި ފާސްކުރުމަށް މަސައްކަތް ކުރެއްވުމުން އެކަމަށް ފުރްސަތުނުދީ ގޮވާތަކެއްޗާ އެކު އެމީހާ ހަށިގަނޑު ގޮއްވާލީ ކަމަށާ މިހަމާލާގައި ފައްޔާޒް ވެސް އަވަހާރަވެފައިވާ ކަމުގަ އެވެ. ޕާކިސްތާނުގައި ބޮންގޮއްވުމުގެ ހަރުކަށި އަމަލުތައް ހިންގަމުން ގެންދާ އެއްވެސް ޖަމާއަތަކުން މިޙަމަލާގެ ޒިންމާ އުފުލާފައެއްނުވެ އެވެ.
ކުއެޓާއަކީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރުގަދަ ރަށެކެވެ. އަފްޣާނިސްތާނުގެ ތާލިބާނުންގެ ލީޑަރު މުއްލާ މުހައްމަދު ޢުމަރު ވެސް ފިލައިގެން އުޅެނީ އެ ރަށުގައި ކަމަށް ޝައްކުކޮށް ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ގެންދަނީ އެ ރަށުގެ ވަށައިގެން އާދަޔާ ޚިލާފަށް ސަލާމަތީ ފިޔަވަޅުތައް އަޅައި އަސްކަރީ އޮޕަރޭޝަންތައް ހިންގަމުން ކަމަށް ޚަބަރުތައް ބުނެ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ކަމާ ނަވާޒް ޝަރީފް ޙަވާލުވެވަޑައިގެންނެވި ފަހުން އެގައުމުގައި ހިންގާ ބޮންގޮއްވުމުގެ ޢަމަލުތައް ކުރިޔަށްވުރެ ވެސް ބޮޑަށް އިތުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިދިޔަ އަންގާރަ ދުވަހު ވެސް ހަތިޔާރުއެޅި ބަޔަކު ކުއެޓާގެ ކައިރީގައި ދިން ބަޑީގެ ޙަމަލާތަކެއްގައި އާންމުންގެ 13 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވެ އެވެ. އަދި މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ޕާކިސްތާނުގެ ސިންދު ޕްރޮވިންސްގައިވާ ސަރުކާރުގެ އިދާރާއަކަށް އަމާޒުކޮށް މީހަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާއެއްގައި ހަ މީހަކު މަރުވެ 30 މީހަކު ޒަޚަމްވެފައިވެ އެވެ.
އޭގެފަހުން ޖުލައި 27ގައި ޕާކިސްތާނުގެ ޕަރަޝިނާރު ސަރަހައްދުގައިވާ ޝިޔަޢީންގެ ދެ މިސްކިތެއްގައި މަޣްރިބް ނަމާދަށާއި ރޯދަވީއްލުމަށް އެތަށް ސަތޭކަ ބަޔަކު ތައްޔާރުވެ ތިއްބައި އަމިއްލައަށް މަރުވެގެން މީހަކު ދިން ބޮމުގެ ޙަމަލާއެއްގައި 25 މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވެ އެވެ. މިޙަލާތަކުގެ ފަހަތުގައި ވަނީ ހައްދުފަހަނަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތައް ކަމަށްވަނީ ބެލެވިފަ އެވެ.
މިދެ ޙަމަލާގެ ކުރިން ރަމަޟާންމަހުގެ ކުރީކޮޅުގައާއި މެދެއްހާ ހިސާބު ވެސް ޕާކިސްތާނުގެ އެކިކަންކޮޅުތަކުގައި ބޮންގޮއްވުމުގެ އެތައް ޙަމަލާތަކެއް ހިންގައި އެތައް ބަޔަކު މަރާލާފައިވެ އެވެ. (ނޫސްއެޖެންސީތައް)