09 Aug 2013, 11:44
ޖިއޮގްރަފިކް ގޮތުން ސްޕެއިންގެ ބައެއް ކަމަށްވާ ޖިބްރޯލްޓާއަކީ އިނގިރޭސި ވިލާތުގެ ޓެރިޓަރީއެކެވެ. ސަރަހައްދީ ސަރުކާރެއް އޮތް ނަމަވެސް އެތަނުގެ އެންމެ މަތީ ވެރިއަކީ އިނގިރޭސި ރާނީ އެވެ.
ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ މިދެގައުމުގެ ދެމެދު ޖިބްރޯލްޓާގެ މައްސަލައިގާ މިހާރު ދަނީ ވަރުގަދަ ޒުވާބެއް ހިނގަމުންނެވެ. ނަމަވެސް އެކުވެރި މި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަ ވާހަކަ ދައްކައިގެން ހައްލުކުރުމުގެ ބަދަލުގައި އިނގިރޭސިން މިހާރު ވަނީ އެމީހުންގެ ހުރި އަސްކަރީ ބާރުވެރިކަން ސްޕޭނަށް ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިނގިރޭސި ކަނޑުގެ ސިފައިންގެ ވަރުގަދަ ފްލީޓެއް މިހާރު ޖިބްރޯލްޓާ އަށް ދިއުމަށް ފުރާފައިވާ ކަމަށް ސަރުކާރާ ހަވާލާދީ އެގައުމުގެ ޑެއިލީމެއިލް ނޫހުން މިއަދު ބުންޏެވެ.
ޖިބްރޯލްޓާގެ ކަނޑުގެ ސަރަހައްދަށް ދާ އިނގިރޭސި ކަނޑުގެ ފްލީޓްގައި މަތިންދާ ބޯޓް އުފުލާ މަނަވަރަކާއި އިތުރު ދެ މަނަވަރާއި އެ އުޅަނދުތަކަށް އެހީތެރިވާ އުޅަނދުތަކާ އެކު ޖުމްލަ 10 އުޅަނދު ހިމެނޭ ކަމަށް އިނގިރޭސި ޑިފެންސް މިނިސްޓްރީއާ ހަވާލާދީ ނޫހުން ބުންޏެވެ.
އިނގިރޭސިވިލާތުގެ އުޅަނދުތައް ޖިބްރޯލްޓާގެ ކަނޑުގެ ސަރަހައްދަށް ދަނީ ސްޕޭނަށް ބިރުދެއްކުމަށް ނޫން ކަމަށް އިނގިރޭސި ސަރުކާރަކުން ނުބުނެ އެވެ. ނަމަވެސް ބުނެފައި ވަނީ އެއީ ކުރިން ހަމަޖެހިފައިވާ ތަމްރީނުތަކެއްގައި ދާ އުޅަނދުތަކެއް ކަމަށެވެ.
ޖިބްރޯލްޓާގެ ކަނޑުގެ ސަރަހައްދަށްދާ އުޅަނދުތަކުގެ ތެރެއިން ތިން އުޅަނދެއް އެ ރަށުގައި ބަނދަރުކުރާނެ ކަމަށް އިނގިރޭސި ސަރުކާރުން ބުންޏެވެ.
ޖިބްރޯލްޓާގެ މައްސަލައިގާ އިނގިރޭސިންނާއި ސްޕޭނާ ދެމެދު ޒުވާބު ހޫނުވީ އެރަށް ހިމެނޭ ސަރަހައްދުން ސްޕޭންގެ މަސްވެރިން މަސްވެރިކަން ކުރުމަށް ހުރަސް އެޅުމުގެ ގޮތުން އާޓިފިޝަލް ތޮއްޓެއް ލުމުންނެވެ. އެކަމަށް ރައްދު ދިނުމުގެ ގޮތުން ސްޕޭނުން ވަނީ ޖިބްރޯލްޓާގެ ރައްޔިތުންނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތައް އަޅާފަ އެވެ. އެގޮތުން ސްޕޭންގެ ބޯޑަރު ހުރަސްކުރާ ޖިބްރޯލްޓާގެ އެއްގަމު އުޅަނދުތައް ބަލައި ފާސްކުރުމުގެ ގޮތުން އެތައް ގަޑި އިރަކަށް އުޅަނދުތައް ހުއްޓުވުން ހިމެނެ އެވެ. އަދި ޖިބްރޯލްޓާ އަށް ދަތުރުކުރާ މަތިންދާބޯޓްތައް ސްޕޭންގެ ވައިގެ ސަރަހައްދު ބޭނުންކުރުން ވެސް އެގައުމުން ވަނީ މަނާކޮށްފަ އެވެ.