ޒަކާތު ފަންޑަށް ކޮންމެ މަހަކު 10،000 ޑޮލަރު ހަދިޔާ ކުރާނެ ކަމަށް ބުނި ދުބާއީގެ ވިޔަފާރިވެރިޔާއާ އެކު އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ އަނބިކަނބަލުން އާފިޔާ ވަހީދު ކުންފުންޏެއް ހެދި މައްސަލާގައި ދައުވާކުރަން އޭސީސީން ޕީޖީ އަށް ފޮނުވައިފި އެވެ.

ސަން އަށް ކަށަވަރުވެގައިވާ ގޮތުގައި އެ މައްސަލާގައި ޝަހީމުގެ އަނބިކަނބަލުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ރާއްޖޭގެ ޒަކާތު ފަންޑަށް ކޮންމެ މަހަކު 10000 ޑޮލަރު (154200 ރުފިޔާ) ދޭނެ ކަމަށް ވިދާޅުވެފައިވާ ދުބާޢީގެ ވިޔަފާރިވެރިޔާ ފީރޯޒް ގުލާމް ހުސެއިން އާ އެކު ޝަހީމްގެ އަނބިކަނބަލުން އާފިޔާ ވަހީދުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ގޮތުގައި "ޕިއޯ ގޯލްޑް ޖުވެލާސް މޯލްޑިވްސް" ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ވެސް 125 އަށް ވުރެ ގިނަ ފިހާރަ ހިންގަމުން ގެންދާ "ޕިއޯ ގޯލްޑް ޖުވެލާސް"ގެ ޗެއާމަން ފީރޯޒް އެކުންފުނީގެ ވެބްސައިޓުގައި ވިދާޅުވެފައި ވަނީ އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ 25 އެއާޕޯޓެއްގައި ޑިއުޓީ ފްރީ ފިހާރަތައް ހުޅުވުން ކަމަށެވެ. އެގޮތުން މިހާރު ވެސް އިންޑޮނޭޝިއާ އާއި މެލޭޝިއާ އީޖިޕްޓް އަދި ދިވެހި ރާއްޖޭގެ ޑިއުޓީ ފިހާރަތަކުގައި އެ ކުންފުނީގެ ފިހާރަތައް ހުޅުވުމަށް މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެނާ ވަނީ ވިދާޅުވެފަ އެވެ.

ކޮރޮޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ނުވަތަ ދައުލަތުގެ ވަޒީރަކު ނުވަތަ އެ ފެންވަރުގެ އެހެން މީހަކު ނުވަތަ އޮޑިޓާ ޖެނެރަލާއި ކޮމިޝަނާ އޮފް އިލެކްޝަނާއި ދިވެހި ރާއްޖޭގެ ހައި ކޯޓެއްގެ ފަނޑިޔާރަކު ނުވަތަ އަތޮޅު ވެރިއަކު ނުވަތަ އެއިން މީހެއްގެ އަންބަކު ނުވަތަ ފިރިއަކު އެއްވެސް ބިދޭސީއަކާ ބައިވެރިވެގެން ވިޔަފާރިއެއް ހިންގުމަކީ މަނާ ކަމެކެވެ. އަދި ސަރުކާރުން ކަމަކަށް އެދިގެން އުޅޭ ބިދޭސީއަކު ނުވަތަ ސަރުކާރާ ގުޅިގެން ނުވަތަ ބައިވެރިވެގެން އެކި ކަންކަން ކުރާ ނުވަތަ ކުރަން އުޅޭ ބިދޭސީއަކާ ބައިވެރިވެގެން ނުވަތަ ގުޅިގެން، އެއިން ފަރާތަކާ އެކު ކަމާ ބެހޭ ސަރުކާރުގެ މުވައްޒަފަކު ނުވަތަ އެއިން މުވައްޒަފެއްގެ އަންބަކު ނުވަތަ ފިރިއަކު އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ކުށެއް ކަމަށް ވެސް އެމާއްދާގެ ދަށުން ބުނެފައިވެ އެވެ.

ގާނޫނުގެ އެމާއްދާގެ ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއް އަދި އެ މާއްދާގައި ބުނެފައިވާ ގޮތާއި ހިލާފަށް އަމަލްކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނޫނީ ގޭގައި ބަންދުކުރުމެވެ.