09 Aug 2013, 10:50
ކުރީގެ ރައީސް ނަޝީދު މުޙައްމަދު ނަޝީދަށް ރޭ ބަޔަކު ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ވާހަކަ ފެތުރުނު ނަމަވެސް އެ މައްސަލަ މިހާތަނަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސޯޝަލް މީޑިއާއާއި ރާއްޖޭގެ ބައެއް ޓީވީ ޗެނަލްތަކުގައި ރޭ އާއްމުކުރި ހަބަރުގައި ބުނެފައި ވަނީ ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޖަގަހައެއް ހުޅުއްވަވައި ދެއްވުމަށް ފަހު ރައީސް ނަޝީދު ހިންގަވާފައި ވަޑައިގަންނަވަނިކޮށް، އެމަނިކުފާނަށް ހަމަލާދިނުމަށް ދެ މީހަކު މަސައްކަތް ކުރި ކަމަށެވެ. ނަަމަވެސް ރައީސް ނަޝީދަށް އެއްވެސް ކަމެއް ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ. ފުލުހުން ބުނީ އެވާހަކަތައް ފެތުރިފައިވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ރިޕޯޓްކޮށްފައެއް ނެތް، އެފަދަ ކަމެއް ހިނގި ކަމަކަށް، ނަމަވެސް ސޯޝަލް މީޑިއާގައި އެވާހަކަ ފެތުރިފައިވާތީ އަޅުގަނޑުމެން މިދަނީ އެކަން ބަަލަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް( އެސްޕީޖީ) އިންނެވެ. އެމް އެންޑީއެފުން ބުނީ ރައީސް ނަޝީދަށް ސީދާ ހަމަލާދޭން އުޅުނުކަމަށް އެސްޕީޖީން (ރައީސް ނަޝީދުގެ ބޮޑީގާޑުން) މައުލޫމާތު ނުދޭ ކަމަށެވެ. ނަމަވެސް އެތަނުގައި ހާދިސާއެއް ހިނގިކަމަށް ބުނެފައި ވާ ކަމަށެވެ.
"ސީދާ ރައީސް ނަޝީދަށް ހަމަލާދޭން އުޅުނު ކަމަކަށް މައުލޫމާތު ދީފައެއް ނެތް، ނަމަވެސް އެތަނުގައި އިންސިޑެންޓެއް (ހާދިސާއެއް) ހިނގި ކަމަށް ބުނީ،" އެމްއެންޑީއެފްގެ ކާނަލް އަބުދުއް ރަހީމް ވިދާޅުވިއެވެ.
ނަޝީދަށް ބަޔަކު ހަމަލާދޭން މަސައްކަތް ކުރިކަމަށް ބުނާ މައްސަލައިގާ އެމްޑީޕީން ވެސް ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.