މިއާމީ ގާޑެންސް، ފްލޮރިޑާ (އޯގަސްޓް 8) – އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގެ ފައިނަލްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ދެ ލަނޑާއެކު 3-1 އިން ޗެލްސީގެ މައްޗަށް ރެއާލް މެޑްރިޑް ކުރި ހޯދައި މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

މިދިޔަ ޖޫންމަހު ރެއާލް ދޫކޮށް ދެވަނަ ފަހަރަސް ޗެލްސީއާ ގުޅުނު ރެއާލްގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯގެ މައްޗަށް ރެއާލްއިން ހޯދި ފުރަތަމަ ކާމިޔާބީގެ ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ރޮނާލްޑޯ ތަނަވަސް ކޮށްދިން ފުރުސަތަކުން އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު މާސެލޯ އެވެ. އެހެން ނަމަވެސް އޭގެ ތިން މިނިޓުފަހު ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު ރަމިރޭޒްވަނީ، ލަނޑެއް ކާމިޔާބުކޮށް ޗެލްސީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ރެއާލްއަށް ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދައިދިން ލަނޑު މެޗުގެ 30 ވަނަ މިނިޓުގައި ރޮނާލްޑޯ ކާމިޔާބު ކުރީ ޗެލްސީގެ ޕެނަލްޓީއޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ނެވެ. އަދި އޭނާ މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު، ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 57 ވަނަ މިނިޓުގަ އެވެ.

ފައިނަލް މެޗަށްފަހު މޮރީނިއޯ ވަނީ ރޮނާލްޑޯގެ ކުޅުމަށް ތައުރީފް ކޮށްފަ އެވެ. އެގޮތުން ރެއާލްގެ ކުރީގެ ކޯޗު ބުނީ، ރޮނާލްޑޯއަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާ ލަނޑު ޖެހުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

"ރޮނާލްޑޯއަކީ ވަރަށް މޮޅު ކުޅުންތެރިއެއް،" މޮރީނިއޯ ބުންޏެވެ. "އޭނާ ލަނޑު ޖަހާނަމަ އެއީ ހަބަރަކަށް ނުވެދާނެ، އެކަމަކު އޭނާ ލަނޑު ނުޖަހާނަމަ އެއީ ބޮޑު ހަބަރެއް."

ޕްރިސީޒަނާ ދިމާކޮށް އެމެރިކާއަށް ދަތުރު ކުރާ ލީގުތަކުގެ ވަރުގަދަ ޓީމުތައް ބައިވެރި ކޮށްގެން ޖުލައި މަހުގެ 27 ން އޯގަސްޓް މަހުގެ 7ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ބައިވެރި ވެފައިވަނީ، އެމެރިކާގެ އެލްއޭ ގެލެކްސީއާއި، އިޓަލީގެ އޭސީ މިލާން، އިންޓަ މިލާން، ޔުވެންޓާސް، ސްޕެއިންގެ ރެއާލް މެޑްރިޑް، ވެލެންސިޔާ، އިންގްލެންޑުގެ ޗެލްސީ އަދި އެވެޓަން އެވެ.

އެލްއޭ ގެލެކްސީއާ ވާދަކޮށް 2-0 އިން ކުރި ހޯދައިގެން މުބާރާތުގެ ތިންވަނަ ހޯދީ އިޓަލީގެ އޭސީ މިލާން އެވެ. އެމެޗުގައި މިލާނަށް ލަނޑު ޖަހައިދިނީ ބަލެޓޮލީއާއި ނިއަންގް އެވެ.