09 Aug 2013, 02:57
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އިއުލާނުކުރާ ކޮކާ-ކޯލާ ވޯލްޑް ރޭންކިންގައި ރާއްޖެއަށް އެއް ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
ބުރާސްފަތި ދުވަހު އިއުލާންކުރި ފީފާ ރޭންކިން ލިސްޓުގައި އެއް ދަރަޖައިގެ ކުރިއެރުމަކާއެކު ރާއްޖެ މިހާރު އޮތީ ދުނިޔޭގެ 153 ވަނަ މަގާމުގަ އެވެ. މި ކުރިއެރުމާއެކު ރާއްޖެ މިހާރު އޮތީ ސާކު ސަރަހައްދުގެ ތިން ވަނަ މަގާމުގަ އެވެ.
މިމަހުގެ ރޭންކިން ލިސްޓަށް ބަލާއިރު އެއް ދަރަޖަގައިގެ ކުރިއެރުމަކާއެކު މިސަރަހައްދުގެ އެއްވަނަ މަގާމުގައި އޮތީ ދުނިޔޭގެ ރޭންކިންގެ 139 ވަނައިގައި އޮތް އަފްޣާނިސްތާން އެވެ. ސަރަހައްދުގެ ދެވަނައިގައި އޮތީ އިންޑިއާ އެވެ. އެގައުމު ދުނިޔޭގެ ރޭންކިންގައި އޮތީ 145 ވަނަ މަގާމުގަ އެވެ.
ސަރަހައްދުގެ ހަތަރުވަނައިގައި މިހާރު އޮތް ބަންގްލާދޭޝް މިފަހަރުވަނީ ހަ ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ. އެގައުމު އޮތީ ދުނިޔޭގެ ރޭންކިންގެ 158 ވަނަ މަގާމްގަ އެވެ. ކުރިއެރުމެއް ނުލިބި ސަރަހައްދުގެ ފަސް ވަނަ މަގާމްގައި ޕާކިސްތާނު އޮތްއިރު ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 167 ވަނަ މަގާމްގަ އެވެ.
އެއް ދަރަޖައިގެ ކުރިއެކުމަކާއެކު ސަރަހައްދުގެ ހަ ވަނައިގައި ސްރީލަންކާ އޮތް އިރު އެއް ދަރަޖައިގެ ވެއްޓުމަކާއެކު މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވާ ނޭޕާލް އަށް ލިބެނީ ސަރަހައްދުގެ ހަތްވަނަ މަގާމެވެ. ދުނިޔޭގެ ރޭންކިންގައި ލަންކާއާއި ނޭޕާލް ލިސްޓުކުރެވިފައި ވަނީ 170 ވަނަ މަގާމްގަ އެވެ.
ސަރަހައްދުގެ ފުލުގައި އެއްވެސް ކުރިއެރުމެއް ނުލިބި އަދިވެސް އޮތީ ބޫޓާން އެވެ. ބޫޓާން އޮތީ ދުނިޔޭގެ ރޭންކިންގެ 207 ވަނަ މަގާމުގަ އެވެ.
ފީފާ ރޭންކިންގެ ދުނިޔޭގެ ގަދަ ދިހައަކަށް މިފަހަރު އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެގޮތުން އެއްވަނައިގައި އޮތީ ދުނިޔޭގެ ޗެމްޕިއަން ސްޕެއިން އެވެ. ދެވަނައިގައި ޖަރުމަނު، ތިންވަނައިގައި ކޮލަމްބިއާ، ހަތަރު ވަނައިގައި އާޖެންޓީނާ، އަދި ފަސް ވަނައިގައި އޮތީ ހޮލެންޑް އެވެ.
ދުނިޔޭ ރޭންކިންގެ ހަ ވަނައިގައި އިޓަލީ، ހަތް ވަނައިގައި ޕޯޗްގީސް، އަށް ވަނައިގައި ކްރޮއޭޝިއާ އޮތް އިރު މިފަހަރުގެ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބު ކުރި ބްރެޒިލް އޮތީ ނުވަ ވަނައިގަ އެވެ. ދިހަ ވަނައިގައި އޮތީ ބެލްޖިއަމް އެވެ.
މިމަހު ފީފާއިން ނެރުނު ކޮކާކޯލާ ވިމެންސް ވޯލްޑް ރޭންކިންގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ވަނީ ހަ ދަރަޖައިގެ ކުރިއެރުމެއް ހޯދާފަ އެވެ. އެގޮތުން ސަރަހައްދުގެ ފަސް ވަނައިގައި ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގެ 106 ވަނަ މަގާމުގަ އެވެ.