09 Aug 2013, 01:46
ފިތުރު އީދާ ގުޅުވައިގެން އެސްޓީއޯއިން ބާއްވާ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތް ހުޅުވި މެޗުގައި މިއަދު ހަވީރު ނިއުސްޓާ ސްޕޯޓްސްއާ ވާދަކޮށް ގަލޮޅު ގުލްޒާރު މެޗު ކާމިޔާބުކޮށްފި އެވެ.
ހެންވޭރު ދަނޑުގައި މިއަދު ކުޅުނު މެޗު ގަލޮޅު ގުލްޒާރުން ކާމިޔާބުކުރީ 10 ލަނޑު 27 ފޯލިންނެވެ. އެ މެޗުގައި ނިއުސްޓާ ސްޕޯޓްސް އަށް ހެދިފައިވީ 25 ލަނޑު އެއް ފޯލި އެވެ.
މިއަހަރުގެ ބަށި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާ އެކުގަ އެވެ.
މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހެންވޭރު ދަނޑުގައި ކުރިއަށްގެންދާ، މުބާރާތުގެ އެކިއެކި ވަނަތަކަށް އަންނަ ފަރާތްތަކަށް ޖުމުލަ 185،000ރ. ގެ ފައިސާގެ އިނާމް ހުށަހަޅާފައިވާފައިވާއިރު މި އަހަރުގެ ބަށިމުބާރާތުގައި ޖުމުލަ 19 ޓީމަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި އަތޮޅުތެރެއިން ނުވަ ޓީމާއި މާލޭގެ 10 ޓީމް ހިމެނެ އެވެ.
ހަތަރު ގްރޫޕަކަށް ބަހާލައިގެން ގުރޫޕް ސްޓޭޖުން އެންމެ މޮޅު ދެޓީމެއް ކުއާޓާ ފައިނަލަށް ދާގޮތަށް ރޭވިފައިވާ އެ މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ، ނިއުސްޓާ ސްޕޯޓްސް، ގަލޮޅު ގުލްޒާރު، ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން، ސްޓާ، އަދި ގަދަމޫ އެވެ.
ގްރޫޕް ބީގައި ހިމެނެނީ، ހުޅުމާލޭ ވިމެންސް ސްޕޯޓްސް، ކާމިނީ ސްޕޯޓްސް، ހުޅުމާލޭ ވިމެންސް ސްޕޯޓްސް – މާރަނި، ހުވަނދުމާ، އަދި ހެންވޭރު ނޫމާ އެވެ.
މުބާރާތުގެ ގްރޫޕް ސީގައި ހިމެނޭ ޓީމް ތަކަކީ، ގޮއިދޫ ޔޫތު ސޮސައިޓީ، ހަވަރު ސްޕޯޓްސް، ބަނޑިދޫ ބަށި ޓީމް، މައްޗަންގޯޅީ ވިދުވަރު، އަދި މައްޗަންގޯޅީ އަރާތަރި އެވެ.
ގްރޫޕް ޑީގައި ހަތަރު ޓީމްއޮތް އިރު އޭގެ ތެރޭގައި ހިމެނެނީ، މުޑި ޖަމިއްޔާ ބަށި ޓީމް، ހެންވޭރު ތަރި، އޭދަފުށީ އަންހެނުންގެ ރޫހު އަދި ހޯނޑެއްދޫ ޗެލެންޖް އެވެ.
އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާ ނުވަތަ ބަށި ރާނީއަށް ހޮވޭ ފަރާތަކަށް މޯލްޑިވިއަންގެ ފަރާތުން ޗެންނާއީއަށް ދެކޮޅު ޓިކެޓް ހުށަހަޅާފައިވާއިރު މިއަހަރުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 100،000ރ. ލިބޭނެ އެވެ. އަދި ރަނަރަޕް ޓީމަށް 50،000ރ. އާއި ތިންވަނަ ޓީމަށް 25،000ރ. ހުށަހަޅާފައިވާއިރު މުބާރާތުގެ ފެއަޕްލޭ ޓީމަށް 10،000ރ. ވަނީ ހުށަހަޅާފަ އެވެ.