09 Aug 2013, 00:17
ޕީޕީއެމްގެ ޒުވާނުންގެ ގޮފިން އިސްނަގައިގެން "ޒުވާނުންގެ ބޮޑު ދަތުރު"ގެ ނަމުގައި މުޅި ރާއްޖޭގައި ދަތުރެއް ކުރުމަށް ޕީޕީއެމް އިން ނިންމައިފި އެވެ.
ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި އެ ޕާޓީގެ ޒުވާނުންގެ ގޮފިން ވާހަކަ ދެއްކެވި، ޔޫތު މިނިސްޓަރުގެ ނައިބު އަބްދުﷲ ރިފާއު ވިދާޅުވީ "ޒުވާނުންގެ ބޮޑު ދަތުރު" ކުރާނީ ރާއްޖޭގެ ދެކޮޅުން ކަމަށާއި އެއް ބޯޓު ދަތުރު ކުރާނީ ހއ. ދިއްދޫން މާލެ އަށް ކަމަށާއި އަނެއް ބޯޓު ދަތުރު ކުރާނީ އައްޑޫ ސިޓީން މާލެ އަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދަތުރު ފެއްޓުމަށް ޝެޑިއުލްކޮށްފައި ވަނީ މި މަހު 25ގައި ކަމަށެވެ.
އޭނާ ވިދާޅުވީ "ބޮޑު ދަތުރު"ގެ އެއް އުޅަނޑު ހއ. އަތޮޅުން މާލެ އަށް ކުރާ އިރު ކޮންމެ އަތޮޅަކުން ބައެއް ރަށްރަށުގައި އެ ބޯޓު މަޑުކުރަމުންދާނެ ކަމަށެވެ. އަދި ހަމަ އެހެންމެ އައްޑޫ ސިޓީ އިން މާލެ އަންނަ އުޅަނދު ވެސް ދެކުނުގެ އަތޮޅުތަކުގެ ބައެއް ރަށް ރަށުގައި މަޑު ކުރާނެ ކަމަށާއި ދަތުރު ނިންމާލާނީ މާލެ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރިފާއު ވިދާޅުވީ އެ ދަތުރުގައި ބައެއް ރަށްރަށަށް ބޯޓު ޖައްސާއިރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ނުނީ ރަނިން މޭޓް އެ ބޯޓަށް މަރުހަބާ ކިޔާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އަތޮޅުތަކުގައި އެ އުޅަނޑު މަޑު ކުރާ އިރު އަތޮޅުތަކުން ވެސް ޒުވާނުން "ބޮޑު ދަތުރާ" ގުޅޭނެ ކަމަށެވެ.
"މިއީ... އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ޕީޕީއެމްގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ބޭއްވޭ ދަތުރެއް" ރިފާއު ވިދާޅުވި އެވެ.